ކުޅިވަރު

މާލެ ފަތާ ޓްރެކް މަސައްކަތް ފެބްރުވަރީ ކުރީކޮޅުގައި ނިންމާލެވޭނެ - ރައީސް


މާލޭ ފަތާ ޓްރެކްގައި ހަދާ ސިޑިބަރީގެ މަސައްކަތް މިއަންނަ މަހުގެ ކުރީކޮޅުގައި ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވެފައިވަނީ މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލޭ ފަތާ ޓްރެކްގައި ހަދާ ސިޑިބަރީގެ މަސައްކަތް ހަވާލޮކޮށްފައިވަނީ މާޒިޔާ ކޮންސްޓްރަކްޝަނާއެވެ. އެކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު އެންމެ ފުރަތަމަ 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ތާވަލްކުރި ނަމަވެސް، ގިނަ ދިރާސާތަކެއް ކުރަންޖެހުމުގެ ސަބަބުން މަސައްކަތް ލަސްވެގެންދިޔައެވެ. އަދި ފަހުން މުޅި ދުނިޔެއަށް ދިމާވި ކޮވިޑް19 އާގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނެވެ. އަދި ގައުމުތަކުގެ ބޯޑަރު ބަންދުކުރުމުގެ ސަބަބުން ފަތާ ޓްރެކަށް ބޭނުންވާ ގިނަ ސާމާނު ގެނައުމުގައި ދަތިތަކާއި ކުރިމަތިލާންޖެހުނު ކަމަށް މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަނުން މަޢުލުމާތު ދީފައިވެއެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރު، އެސަރަހައްދު އޮތް ގޮތް ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެކަމަށެވެ. އަތްވާއި ވާރެއިން ހިޔާވެވޭނެ ގޮތް ނެތްއިރު، ފަތާ ފަރާތްތަކަށް އެކަށޭނެ ވަޞީލަތެއްވެސް އެސަރަހައްދުގައި ނެތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަތަން ދާ މީހުންނަށާއި، ފެތުމުގެ މުބާރާތްތަކަށް ފަރިތަކުރާ އެތުލީޓުންނަށްވެސް ކުރިން އެތަން އޮތީ އެކަށީގެންވާ ގޮތަކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

"މިހާރު އެތަން ތަރައްޤީކުރުމަށް ކުރިއަށްދާ މަޝްރޫޢު، އިރާދަކުރެއްވިއްޔާ އަންނަ މަހުގެ ކުރީކޮޅު ނިމުމަކަށް އަންނާނެ. އެއިރުން އެތަނުގައި ހުންނާނީ ހިޔާވެވޭނެ ގޮތަށް ހެދިފައި. އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިންގ ރޫމްތަކާއި، ފާޚާނާއާއި، ފެންވަރާނެ ތަންތަން އެތަނުގައި ހުންނާނެ. އޭރުން، އެތަން ބޭނުންކުރުމުގައި މިހާރު ދިމާވާ، ވަރަށް ގިނަ މައްސަލަތައް ޙައްލުވެ، އެތުލީޓުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިސަރުކާރުން ގާއިމްކޮށްދޭ ކުޅިވަރުގެ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ގިނަ ޒުވާނުންތަކެއް އުފެދިގެން ދާނެކަމަށެވެ. އަދި ކުޅިވަރުގެ ތެރެއިން ޢާންމު ޞިއްޙަތަށް ރައްޔިތުން ދޭ ސަމާލުކަން އިތުރުވެގެން ދިޔުމަކީވެސް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.