ކުޅިވަރު

މާޒިޔާއިން އަދިވެސް ވަރަށް ގިނަ ކަންތަށްތަށް ރަގަނޅު ކުރަންޖެހޭ - ވިޑަކޮވިޗް


ތާވަލްގެ އެއްވަނައިގައި އޮތްނަމަވެސް މާޒިޔާއިން އަދިވެސް ވަރަށް ގިނަ ކަންތަށްތައް ރަގަނޅު ކުރަންޖެހޭކަމަށް މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުނެފިއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ. މާޒިޔާގެ ކޯޗް ސާބިޔާގެ ވިޑަކޮވިޗް ބުނީ މިއީ މާޒިޔާއަށް ވަރަށް އުދަނގޫ މެޗެއްކަމަށާއި ހޫނު ގަދަވުމުގެ ސަބަބުންނާއި ދަނޑުގެ ވިނަގަނޑު ރަގަނޅު ނުވުމުގެ ސަބަބުން، މެޗް ކުޅެންވަރަށް ބޮޑަށް އުނދަގޫވެގެންދިޔަކަމަށެވެ. މިމެޗްގެ ފުރަތަމަ ހާފަށްވުރެއް ދެވަނަ ހާފްގައި މާޒިޔާއިން މޮޅަށް ކުޅުނުކަމަށާއި ދެވަނަ ހާފްގައި މާރަގަނޅަށްވެސް ކުޅުންތެރިން ޑިފެންސްކުރިކަމަށް މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ. އަދި މިހޫނުގައި މެޗުތައް ކުޅުމަކީ ކުޅުންތެރިންނަށް ވަރަށް އުނދަގޫކަމެއްކަމަށާއި މެޗް އެއްވަރެއްގައި ކުޅުމަށް ކުޅުންތެރިންގެ ބުންވަރު ނުހިފެހެއްޓޭނެކަމަށްވެސް މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.

"އަހަރުމެންޖެހޭ އަދި ވަރަށް ގިނަ ކަންތައްތައް ރަގަނޅު ކުރަން. ދެ މެޗުގެ ދޭތެރޭގައި ވަރަށް މަދު ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވޭނީވެސް. އެހެންވީމަ މާގިނަ ކަންތައްތަކެއް އެއް ފަހަރާ ރަނގަޅުވެސް ނުކުރެވޭނެ. މަޑުމަޑުން މިދަނީ މަސައްކަތް ކުރަމުން. ބާކީ ހުރިބަޔަކީ ކުޅުންތެރިންގެ ރިކަވަރީ. ދެ މެޗުގެ ދޭތެރޭގައި ލިބޭ ދުވަސްކޮޅަކީ ވަރަށް މަދު ދުވަސްކޮޅެއް. މިއަދުގެ މެޗުގައި ޑިފެންސް ވަރަށް ރަނގަޅަށްކޮށްފައިވޭ. މެޗަކަށް ފަހު މެޗެއް ކުޅުންތެރިންގެ ފަރާތުން ކުރިއެރުން ފެންނަމުން އެދަބޭ." މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.

ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީބުނީ މެޗަށް ނިކުތީ 3 ޕޮއިންޓަށްކަމަށާއި މެޗުން 3 ޕޮއިންޓް ނުލިބުމުން ހިންހަމަނުޖެހޭކަމަށެވެ. ނަތީޖާ ޓީސީއިން ބޭނުންވާ ގޮތަށް ނުދިޔަކަމަށް ވީނަމަވެސް، މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ވަރަށް ހިންހަމަޖެހޭކަމަށް ޝާޒްލީ ބުނެފިއެވެ. އަދި މެޗުން މޮޅުވުމަށް ޓީސީގެ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކުރެވޭކަމަށްވެސް ޝާޒްލީ ބުންޏެވެ. މެޗްގައި ޓީސީގެ ކުޅުންތެރިންގެ ކޯޗު ބޭނުންވި ގޮތަށް ކުޅުނުކަމަށާއި މެޗުގެ ވަރަށް ކުރީކޮޅުގައި މާޒިޔާއަށް ލިބުނު ޕެނަލްޓީގެ ސަބަބުން، ޓީސީގެ ކުޅުންތެރިންގެ ހިއްވަރު ކޮންމެވެސް ވަރަކަށް ދަށްވެގެންދިޔަކަމަށާއި މެޗުން ބަލިވީ ނަސީބުވެސް އެހީނުވުމުގެ ސަބަބުންކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.

"މެޗްގައި ބައެއްފަހަރު ކަންތައްތައް ދާގޮތުން މެޗު ނިމޭއިރު ޝަކުވާވެސް ކުރާނެ. ނަމަވެސް ބައެއް ފަހަރު މެޗް ނިންމާފައި މެޗް ބަލާލުމުން އޭރުގައި ހީކުރި ގޮތާއި ހިލާފަށްވެސް އެބަހުރި ކަންތައްތައް ގޮސްފައި. އެހެންވީމަ މެޗްގެ ރެފްރީންނާއި ލައިންސްމަނާއި ދޭތެރޭގައި ނުވިސްނަން. މެޗްގެ ނަތީޖާއަކީ ދަނޑުމަތީގައި ނެރެންޖެހޭ އެއްޗެއް. އެކަން ކުރަން މިއަންނަނީ. އެހެންވީމަ އެކަމަށް މާބޮޑަކަށް ނުވިސްނަން." ޓީސީގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.