ޚަބަރު

މިއަހަރުގެ ފުރަތަމަ 15ދުވަހު 600 އަށްވުރެ ގިނަ ޕޮޒިޓިވް ކޭސް، ސަމާލުވޭ!


މިދިޔަ އަހަރުގެ މާޗްމަހު ރާއްޖެއިން ކޯވިޑް-19ގެ ކޭސްތައް ފެނުނު ހިސާބުން ފެށިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއެކު ޕޮޒިޓިވް ކޭސްތައް އެންމެ ބޮޑަށް މަދުވެގެންދިޔައީ މި ނިމުނު ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކޭސްތައް މަދުވަމުންގޮސް ބައެއް ދުވަސް ދުވަހު 08 ކޭސްވެސް ފެނިފައިވާކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން އެނގެއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ފަހުކޮޅު ރިސޯޓްތަކުން ފެންނަން ފެށި ޕޮޒިޓިވް ކޭސްތަކާއެކު އަދަދުތައް 30އިން މައްޗަށް އަރަންފެށިއެވެ.

އެގޮތުން މިއަހަރު ފެށުނީއްސުރެ އަދަދުތައް އިތުރުވަމުންގޮސް މިވީ 15 ދުވަހުގެ ތެރޭގައި 619 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވެފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

މީގެ ތެރޭގައި މާލެ ސަރަހައްދުގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވީ މީހުންނާއި، ޝީބިލްޑިންގ ކްލަސްޓަރއިން ޕޮޒިޓިވްވި ކޭސްތަކާއި، މިހާރު އެންމެ ގިނައިން ރަށްރަށުން ކޭސްތައް ފެނުންމުންދާ ދެއްވަދޫ ކްލަސްޓަރގައި ހިމެނޭ ކޭސްތައް ހިމެނެއެވެ.

މިއަހަރުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން 305 މީހުން ޕޮޒިޓިވްފައިވާއިރު، 193 މީހުންނާއެކު ދެވަނައަށް މިމުއްދަތުގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ރިސޯޓްތަކުންނެވެ. އަދި 96 މީހުން ރަށްރަށުން ޕޮޒިޓިވެފައިވާއިރު، ސަފާރީތަކުން 24މީހަކާއި، ސިނާޢީ ރަށަކުން މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ޝީބިލްޑިންގ ކްލަސްޓާގައި 99 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުގެ ތެރެއިން ބިޔާދޫގެ ކޭސްތަކާއި އޮބްލޫ ސަންގެލި އަދި އޮޅުވެލި ރިސޯޓްގެ ކޭސްތައް ގިނަކަން އެޗްއީއޯސީން ފާހަގަކުރެއެވެ.

ރިސޯޓްތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ބަލީގެ ޢަލާމާތްތައް ހުންނަ މީހުން ބައެއް ރިސޯޓްތަކުގައި ޓެސްޓްނުކުރާކަން ފާހަގަކުރެވޭކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިންވަނީ ވިދާޅުވެފައެވެ. އަދި ބަލީގެ ކިތަންމެ ކުޑަ ޢަލާމާތެއް ހުރިނަމަވެސް އެކަމަށް ސަމާލުކަންދީ ޓެސްޓްކުރުން މުހިންމުކަމަށާއި، ރިސޯޓަކުން އަލާމާތްތައް ހުންނަ މީހުން ފެނިއްޖެނަމަ ވިހާވެސް އަވަހަށް ސިއްޙީ ޚިދުމަތްދޭ ތަންތަނަށް އެމަޢުލޫމާތު ދޭންޖެހޭކަމަށެވެ.

ދެއްވަދޫ ކްލަސްޓަރގައި މިހާތަނަށް އެރަށުން އެކަނި 54 މީހުން ޕޮޒިޓިވްވެފައިވާއިރު، އެއަތޮޅު ދާންންދޫ، ވިލިނގިލި، އަދި ލ. ފޮނަދޫގެ އިތުރުން ހުޅުމާލެއިންވަނީ 65އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އަދި އެކްލަސްޓަރގެ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި 100އަށްވުރެ ގިނަ ހައިރިސްކް މީހުން ދެނެގަނެވިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ޖެނުއަރީ މަހުގެ 10ވަނަ ދުވަހު ރާއްޖޭގެ ސްކޫލްތައް ހުޅުވުމާއެކު މަދުން ނަމަވެސް ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި، މުދައްރިސުންވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވެއެވެ.

މިއަހަރު ފެށުނު އިރު ރާއްޖޭގައި ކޯވިޑް-19 ޖެހެިގެން ފަރުވާ ހޯދާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔައީ 25 މީހުންނަށެވެ. އެހެން ނަމަވެސް މިވީ 15 ދުވަހުގެ ތެރޭގައި އެއަދަދުވަނީ 61އަށް އިތުރުވެފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ހާލަތު ރަނގަޅު ހިސާބެއްގައި ހުރިަނަމަވެސް މި ޖެނުއަރީމަހު ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އާއްމު ސިއްހަތުގެ ތަޖުރިބާކާރު ޑރ. ޝީނާ މޫސާވެސްވަނީ ވިދާޅުވެފައެވެ.

އެގޮތަށް ލަފާކޮށްފައިވަނީ ދީފައިވާ ލުއިތަކާ އެކު، ގިނަ ހަރަކާތްތައް އާ އަހަރު ފެށުނު އިރު ހިނގާފައި ހުރުމުންކަމަށާއި، އެހެންކަމުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ބޭފުޅުން ކުރީއްސުރެ ދެމުންއައި އިރުޝާދުތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަސް ޑރ. ޝީނާ މޫސވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން ގިނަގިނައިން އަތް ދޮވުމާއި ގައި ދުރުކަން ބެހެއްޓުމުގެ އިތުރުން އެންމެ މުހިއްމުކަމެއްގެ ގޮތުގައި ރަނގަޅު ގޮތުގައި މާސްކު އެޅުމަކީ ރާއްޖެއަށް ވެކްސިން ލިބި އެވެކްސިން ޖެހެންދެން ރައްކާތެރިވެ އަޅަންޖެހިފައިވާ މުހިއްމު ފިޔަވަޅެއްކަން ސިއްޙީ މާހިރުން ގެންދަނީ ލަފާދެއްވަމުންނެވެ.