ކުޅިވަރު

އެންޑީ މަރީ ކޮރޯނާ ވައިރަހަށް ޕޮސިޓިވް


ދުނިޔޭގެ ކުރީގެ އެންވަނަ ކުޅުންތެރިޔާ އެންޑީ މަރީ ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމުން ކުރިއަށް އޮތް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި އޭނާއަށް ބައިވެރިވެވިދާނެކަމާއި މެދު ސުވާލު އުފެދިއްޖެއެވެ.

މަރީ އޮތީ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަކޮށްގެން ޗާޓަރކޮށްފައިވާ ފްލައިޓެއްގައި މެލްބަންއަށް ފުރާގޮތަށް ހަމަޖެހިފައެވެ. ނަމަވެސް ކޮރޯނާ ވައިރަހަށް ޕޮސިޓިވްވުމުން އޭނާ މިހާރު ވަނީ ލަންޑަންގައި ހުންނަ އޭނާގެ ގޭގައި އަމިއްލައަށް ކަރިންޓީނުވެފައެވެ. މަރީ އަދިވެސް ހުރީ ކަރަންޓީން މުއްދަތު ހަމަކުރުމަށްފަހު، ފަހުގެ ތާރީހެއްގައި މެލްބަންއަށް ދަތުރުކުރުމުގެ ހުއްދަ އޭނާއަށް ލިބި ކުރިންވެސް ރާވާފައިވާގޮތަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމުގެ އުންމީދުގައެވެ. އޮސްޓްރޭލިއަން އޯޕަން ގާތްވެފައިވަނިކޮށް ވައިރަސް ޖެހުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި ބޭއްވި ޑެލްރޭ ބީޗް އޭޓީޕީ މުބާރާތުގައިވެސް މަރީ ބައިވެރިނުވެއެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ފެށުމަށް ހަމަޖެހިފައިވަނީ އާންމުކޮށް މުބާރާތް ފަށާ ތާރީހަށްވުރެ ތިން ހަފްތާފަހުން ފެބްރުއަރީމަހުގެ 8 ވަނަ ދުވަހުއެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުންވަނީ ކުޅުންތެރިންނާއި އޮފިޝަލުން މެލްބަންއަށް ގެންދިއުމަށްޓަކައި 15 ފްލައިޓް ޗާޓަރ ކޮށްފައެވެ. މިފަހަރުގެ މުބާރާތަށްޓަކައި 1241 ކުޅުންތެރިންނާއި އޮފިޝަލުން މެލްބަންއަށް ދާނެއެވެ. އަދި މެލްބަންއަށް ދިއުމަށްފަހު ހޭދަކުރާ 14 ދުވަހުގެ ކަރަންޓީން މުއްދަތުގައި ކޮރޯނާ ވައިރަހަށް އެއްފަހަރަށްވުރެ ގިނައިން ކުޅުންތެރިން ޓެސްޓް ކުރެވޭނެއެވެ. އަދި މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނީ މިދެންނެވި ޓެސްޓްތަކުން ނެގެޓިވް ނަތިޖާ ލިބޭ ކުޅުންތެރިންނަށްކަމަށް އޮސްޓްރެލިއާ ސަރުކާރުން ހާމަކުރެއެވެ. ކޮވިޑަށް ޕޮސިޓިވްވާ އެއްވެސް ކުޅުންތެރިޔަކަށް މެލްބަންއަށް ދަތުރުކުރުމުގެ ހުއްދަ އޮސްޓްރޭލިއާއިން ނުދޭނެކަމަށް ވިކްޓޯރިއާ ސްޓޭޓްގެ ހެލްތު މިނިސްޓަރ މާޓިން ފޯލީ ހާމަކުރެއެވެ.

މަރީ މިހާރުދަނީ ކަރަންޓީން މުއްދަތު ނިންމާލުމަށްފަހު މެލްބަންއަށް ދަތުރުކުރުމުގެ ހުއްދަ އޭނާއަށް ދޭތޯ މުބާރާތް އިންތިޒާމް ކުރާ ފަރާތާއި އޮސްޓްރޭލިއާ ސަރުކާރާއެކު މަޝްވަރާ ކުރަމުންނެވެ. އޭނާއަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް މަރީ ފުރުމުގެ ކުރިން ޓެސްޓް ހަދާ ނެގެޓިވް ނަތީޖާއެއް އޮންނަންޖެހޭނެއެވެ. އަދި މެލްބަންއަށް ދިއުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ. އެހެން ވެއްޖެނަމަ އޮސްޓްރޭލިއަން އޯޕަންގެ ކުރިން އޮންނަ ވޯމްއަޕް މުބާރާތުގައި އޭނާއަކަށް ނުކުޅެވޭނެއެވެ.