ރަށްރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުވެފައި ނެތުމަކީ، އިޤްތިޞާދީގޮތުން އެ ރަށަކަށް ލިބިފައިވާ ކުރިއެރުންތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. ފެނާއި ނަރުދަމާގެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ފަތުރުވެރިކަންފަދަ އާ ވިޔަފާރިތައް ރ.ކިނޮޅަހުގައި ފެށުމަށްވަނީ ދަތިވެފައެވެ. ނަމަވެސް ރަށުގައި މިހާރު ފަށައިގެން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުއާއެކު މިވަނީ މިކަމަށް އުއްމީދު އާވެފައެވެ. ރ.ކިނޮޅަހުގައި ފެނާއި ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިއަދުވަނީ ފަށާފައެވެ.
ކިނޮޅަހު ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ފެނުގެ ނިޒާމަށް ބޭނުންވާ އިމާރާތުގެ މަސައްކަތެވެ. ކިނޮޅަހު ފެނާ ނަރުދަމާގެ މަސައްކަތް ކުރިއަށްގެންދަނީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ އިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްދާ މި މަސައްކަތުގެ ދިރާސާއާއި އީއައިއޭގެ މަސައްކަތް ނިންމައި މިހާރު މިވަނީ ހޮޅި ވަޅުލުމުގެ ވިއުގައިގެ މަސައްކަތް ފަށާފައެވެ. "ޕައިޕް ނެޓްވޯކިންގ"ގެ މަސައްކަތް ފެށުމަށް ރ.ކިނޮޅަހުގައި ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު އާއި، އެމްޑަބިއުއެސްސީގެ ޗެއަރމަން އަޙުމަދު މަޢުސޫމް އަދި މެނޭޖިންގ ޑައިރެކްޓަރ ޙަސަން ޝާހުއެވެ. މި ރަސްމިއްޔާތުގައި ކައުންސިލާ ރަށުގެ ރައްޔިތުންވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ވިދާޅުވީ ރާއްޖޭގެ އެހެން ދާއިރާއެއްގައި ނުހިންގާހާ ގިނަ މަޝްރޫޢުތައް އިނގުރައިދޫ ދާއިރާގެ 5 ރަށުގައި ކުރިއަށްދާކަމަށެވެ. ޙަސަން އަޙްމަދު ވިދާޅުވީ އާބާދީ ކުދި ނަމަވެސް، މި ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި ސަރުކާރުން އެއްވެސް ތަފާތުކުރުމެއްނެތި މަސައްކަތް ކުރިއަށްގެންދާކަމަށެވެ. އަދި ކިނޮޅަހުގެ ނަރުދަމާ ނިޒާމާއިއެކު ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް އިތުރު ދޮރުތައް ހުޅުވިގެން އަންނާނެކަމަށް
ވެސް އޭނާ ވިދާޅުވިއެވެ.
"ރަށުގައި ނަރުދަމާ ނެތީމަ ގެސްޓްހައުސްފަދަ ވިޔަފާރިތަކެއް ނުހިންގޭ. މިފަދަ މަޝްރޫޢުތަކަކީ މީގެ އެތަށް ޒަމާނެއް ކުރިން ނިމިފައި އޮންނަންޖެހޭނެ ކަންކަން. ފެނާ ނަރުދަމާގެ ޚިދުމަތް މިސަރުކާރުން މިވަނީ ޤާނޫނުން ކަށަވަރުކޮށްދެންޖެހޭ ޚިދުމަތަކަށް ހަދާފައި." ހަސަން އަޙްމަދު ވިދާޅުވިއެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ކިނޮޅަހުގައި 11.8 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް އަޅާނެކަމަށެވެ. އަދި 7.3 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމުކުރާނެކަމަށެވެ. މުޅި ޕްރޮޖެކްޓުގެ %9 މަސައްކަތް މިހާރުވަނީ ނިމިފައެވެ.
"ނަރުދަމާގެ ވިއުގަ 130ގެއަށް ގުޅާނެ. އަދި ފެން އުފައްދާ ދެ ޕްލާންޓާއި ބޯފެން ރައްކާކުރާ ނިޒާމުވެސް މި ޕްރޮޖެކްޓް ނިމޭއިރު ޤާއިމުކުރާނަން. އަދި ރައްކާތެރި ފެންކަން ކަށަވަރުކުރުމަށް ފެން ތަހުލީލުކުރާ ލެބޯޓްރީއެއްވެސް ހަދާނަން." ޙަސަން ޝާހު ވިދާޅުވިއެވެ.
ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އެމްޑަބްލިއުއެސްސީއިންދަނީ މަސައްކަތް ކުރަމުންނެވެ.
ރ.ކިނޮޅަހު ކައުންސިލްގެ ރައީސް އަޙުމަދު ޙުސައިން ވިދާޅުވީ މަސައްކަތް އަވަސްކުރުމަށް ކައުންސިލުން ދޭންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ޕްލޭންކޮށްފައިވަނީ، ކުރިމަގުގައި ރަށުގެ ލޭންޑް ޔޫސް ޕްލޭނާއިއެކު އަންނާނެ އިޤްތިޞާދީ ކުރިއެރުމަށްވެސް ބަލައިގެންކަމަށް އަޙްމަދު ޙުސައިން ވިދާޅުވިއެވެ.
"ކުރިއަށް އޮތް 20 އަހަރުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ ޓުއަރިސްޓް އޭރިއާ ހެދުމާއި، ހަމަ ދަނޑުވެރިކަމަށް ޒޯން ދޫކުރުންވެސް. ޕައިޕް ނެޓްވޯކް އަޅާއިރު ދިގުރާސްތާގެ ޕްލޭނަށް ބަލައިގެން މަސައްކަތް ގެންދިއުމަށް ޙިއްސާކޮށްފަވާނީ." އަޙްމަދު ޙުސައިން ވިދާޅުވިއެވެ.
ކިނޮޅަހު ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 36 މިލިއަން ރުދިޔާއަށެވެ. މިރަށަކީ އާބާދީގައި ހަތްސަތޭކައެއްހާ މީހުން އުޅެމުން އަންނަ ރަށެކެވެ.