ދުނިޔޭގެ ވިޔަފާރި

1.9 ޓްރިލިއަން ޑޮލަރުގެ ޕްލޭނެއް ބައިޑަން އިއުލާންކުރައްވައިފި


އެމެރިކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް 1.9 ޓްރިލިއަން ޑޮލަރުގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ޖޯ ބައިޑަން އިއުލާންކުރައްވައިފިއެވެ.

1.9 ޓްރިލިއަން ޑޮލަރުގެ ޕެކޭޖެއް ޖޯ ބައިޑަން އިއުލާންކުރައްވާފައިވާއިރު، އަންނަ ބުދަދުވަހު އެމެރިކާގެ ރައީސްކަމުގެ މަޤާމާއި އޭނާ ޙަވާލުވެވަޑައިގަންނަވާނެއެވެ.

ބައިޑަން އިއުުލާންކުރެއްވި ސްޓިމިއުލަސް ޕްލޭންގެ ދަށުން އެމެރިކާގެ ގޭބީސީތަކަށް 1 ޓްރިލިއަން ޑޮލަރު ޚާއްސަކުރާނެއެވެ. އެފައިސާގެ ތެރެއިން އެމެރިކާގެ ކޮންމެ ރައްޔިތަކަށް 1400 ޑޮލަރުގެ އެލަވަންސްއެއް ލިބިގެންދާނެެއެވެ.

1.9 ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕްލޭންގެ ދަށުން ކޯވިޑްއާ ދެކޮޅަށް ކުރާ މަސައްކަތަށް 415 ބިލިއަން ޑޮލަރު ހޭދަކުރާނެއެވެ. އަދި ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް 440 ބިލިއަން ޑޮލަރު މިޕްލޭންގެ ދަށުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޯވިޑްގެ ސަބަބުން އެމެރިކާއިން ގިނަ ބަަޔަކު މަރުވެ، އިޤްތިޞާދު ހީނަރުވެފައިވާއިރު، އެކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ބައިޑަން ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން އޭނާގެ ޕްލޭންގައިވާ ގޮތުން އެމެރިކާގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް 20 ބިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

އެމެރިކާއިން ކާމިޔާބު ވެކްސިންތަކެއް ތަރައްޤީކުރިނަމަވެސް، ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ޓްރަމްޕްގެ ސަރުކާރުން ކުރާ މަސައްކަތަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބައިޑަން މަސައްކަތްކުރައްވަމުން ދަނީ 100 ދުވަހުގެ ތެރޭގައި 100 މިލިއަން ވެކްސިން ޖެބް ޑެލިވަރކުރުމަށެވެ. އަދި ކޯވިޑްއަށް ޓެސްޓްކުރުން ފުޅާކުރުމަށް 50 ބިލިއަން ޑޮލަރު އިތުރަށް ހޭދަކޮށް، ސްކޫލްތައް ހުޅުވުމަށް ކުރާ މަސައްކަތަށް 130 ބިލިއަން ޑޮލަރު ހޭދަކުރުމަށްވެސް ބައިޑަންގެ ޕްލޭންގައިވެއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަަތަށްް ސަތޭކަ ހާސް ޕަބްލިކް ހެލްތު ވޯކަރުން ހޯދުމަށްވެސް ވަނީ ނިންމާފައެވެ.