ވިޔަފާރި

ކޯވިޑްއިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ޑަބްލިޔުޓީއޯގެ ތަޢުރީފު


ކޯވިޑް19އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަށް ވޯލްޑް ޓުއަރިޒަމް އޮގަނައިޒޭޝަން، ޔޫއެންޑަބްލިއުޓީއޯގެ ސައުތު އޭޝިއާ ޤައުމުތަކުން ތަޢުރީފުކޮށްފިއެވެ.

ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން އޮފް ސައުތު އޭޝިއާ ބައްދަލުވުމެއް އިއްޔެ ބާއްވާފައިވާއިރު މި ބައްދަލުވުން ހޮސްޓް ކޮށްފައިވަނީ ރާއްޖެއިންނެވެ.

ރާއްޖެއަކީ މިވަގުތު ޔޫއެންޑަބްލިއުޓީއޯގެ ކޮމިޝަން އޮފް ސައުތު އޭޝިއާގެ ޗެއަރއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައިވަނީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ. އަދި ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ. މުހައްމަދު ނައުޝާދުވެސް މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުން ވަނީ ކޯވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތަޢުރީފުކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް19ގެ ނުރައްކާ ރާއްޖެއަށް ކުޑަނޫންކަން މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު ފަތުރުވެރިން ޕޮޒިޓިވްވާ މިންވަރު ދަށްކަން މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކަށް ބުނެދީފައިވާކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 37926 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން ޕޮޒިޓިވްވީ %0.22 ފަތުރުވެރިންކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ.

ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު، ރާއްޖެއިން ވަނީ ރައްކާތެރިކަމަށް ގައިޑްލައިންތަކެއް ހަދާފައެވެ. މިގޮތުން ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި ސަފާރީތަކުންވެސް މި ގައިޑްލައިންތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށް ޓުއަރިޒަމް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.