ކުޅިވަރު

އާސެނަލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް އެއްވަރު


އިންގްލިޝް ޕްރިމިއަރ ލީގުގައި އާސެނަލް އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މިމެޗްގައި އާސެނަލްގެ ފަރާތުން ވޭތުވެދިޔަ ދެތިން މެޗްގައި ފެނިގެން ގޮސްފައިވާ މޮޅު ކުޅުން އެޓީމްގެ ފަރާތުން ފެނިގެން ގޮސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މިމެޗުގައި ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެކެވެ. އަދި ކްރިސްޓަލް ޕެލަސްގެ ގޯލަށް މާރަގަޅު ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. މިގޮތުން އާސެނަލްގެ ފަރާތުން ފެނިގެންދިޔައީ ފާހަގަކޮށްލެވޭ ދެ ހަމަލާއެކެވެ. އެއީ އެލެގްޒެންޑަރ ލަކަޒެޑް އާއި ޕިއަރ އެމެރިކް އޯބެމެއާންގްއަށް ލިބުނު ދެ ފުރުސަތެކެވެ. މިމެޗްގައި ކްރިސްޓަލް ޕެލަސްގެ ފަރާތުން ވަނީ ހިތްވަރު ގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި ރަގަޅު ދެތިން ހަމަލާ އެޓީމުންވެސް އުފެއްދިއެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް އެޓީމަށްވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

މިމެޗް އެއްވަރު ވުމުން އާސެނަލް މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ. އަދި ކްރިސްޓަލް ޕެލަސް އޮތީ ކުޅުނު 18 މެޗުން ލިބިފައިވާ 23 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ހާމަކުރިގޮތުގައި މިމެޗްގައި އޭނާގެ ޓީމުން ހަމަލާ އުފެއްދޭތޯ މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް މާރަގަޅަށް އެކަން ކާމިޔާބުވާ ގޮތް ނުވީކަމަށެވެ. އަދި މިމެޗުން މޮޅުވުމަށް ބޭނުންވާވަރަށް މަސައްކަތް ކުރެވިފައި ނުވާކަމަށް އޭނާ ހަމަކުރިއެވެ. އާޓެޓާ ހާމަކުރިގޮތުގައި މީގެ އެންމެ ބޮޑު އެއް ސަބަބަކީ ކައިރި ކައިރީ ގިނަ މެޗް ތަކެއް ކުޅުމުގެ ސަބަބުން ކުޅުންތެރިންނަށް ވަރުބަލިކަމުގެ އަސަރު ކޮށްފައިވުމެވެ. އަދި މިމެޗްގައި ގިނަ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަމުގެ އަސަރު ފެނިގެން ދިޔަކަމުގައި އާސެނަލްގެ ކޯޗު ހާމަކުރިއެވެ.

ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއި ހޮޑްސަން ހުރީ މެޗުން ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހިފައެވެ. އޭނާ ހަމަކުރިގޮތުގައި މިމެޗްގައި އޭނާގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ކުޑަ ހިތްވަރެއް އިތުރަށް ލެވުނު ނަމަ މިމެޗްގައި އެޓީމަށް ލަނޑެއްވެސް ކާމިޔާބު ކުރެވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ޖެހިޖެހިގެން ދެވަނަ މެޗް ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާ ލެވުނީތީ އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ.