ޚަބަރު

ކޯވިޑް-19 : ދެއްވަދޫ ކްލަސްޓަރ ގުޅިގެން މިހާތަނަށް 52 މީހުން ޕޮޒިޓިވް


ގއ.ދެއްވަދޫން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވްވެ އުފެދިފައިވާ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 52 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެވެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން ކްލަސްޓަރ އާމިނަތު އަރޫޝާ ވިދާޅުވީ ދެއްވަދޫ ކްލަސްޓަރއާ ގުޅޭގޮތުން މިހާތަނަށް 255 ކޮންޓެކްޓުން ފެނިފައިވާކަމަށެވެ.

މީގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގެ 100 މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. ދެއްވަދޫގެ ކްލަސްޓަރއާ ގުޅިގެން މިހަތަނަށް 5 ރަށެއްވަނީ މޮނީޓަރިންގެ ޙާލަތުގައެވެ. އަދި މިވަގުތު ގއ.އަތޮޅުގެ އިތުރު 5 ރަށަކުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އަރޫޝާ ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 43 މީހުން ދެއްވަދޫން ޕޮޒިޓިވްވެފައިވާއިރު ލ.ފޮނަދޫއިންވަނީ 4 މީހުން ޕޮޒިޓިވްވެފައެވެ. އަދި ގއ.ދާންދޫއިން 2 މީހުން އެއަތޮޅު ވިލިނގިލިން އެކަކު އަދި ހުޅުމާލެއިން 2 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އަރޫޝާ ވިދާޅުވީ ގއ.އަތޮޅު ތެރޭގެ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަމުން އަންނަ ކޮއިމަލާ-4 ނަމްބަރު ފެރީ ގައި މިމަހުގެ 9 އަކުން ފެށިގެން ދަތުރުކޮށްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އެނގުމަށާ، އަމިއްލައަށްވެސް މީހުންގެ ތެރެއަށް ނުނުކުމެ އެހަކެރިވުމަށް އިލްތިމާސްކުރާކަމަށެވެ.

ގއ.އަތޮޅުގައި މިހާރު ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވުމާއެކު އެއަތޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން މިދަނޑިވަޅުގައި މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ފިހާރަތަަކަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ޚިދުމަތް ފެށުމާ އެޚިދުމަތް ހޯދުމަށް އެޗްއީއޯސީން ބާރުއަޅުއްވައެވެ. އަދި އަތޮޅުތެރޭގައި ދަތުރުފަތުރު ޢާއްމުގޮތެއްގައި ހުއްޓުމަކަށް ގެނެވިފައިވީނަމަވެސް ޢާއްމުންނަށް ލުއިތަކެއް ދިނުމުގެ ގޮތުން ބައެއް ފިޔަވަޅުތައްވަނީ ލުއިވެސް ކޮށްފައެވެ.

އެގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދިޔުމުގައި ހަމައެކަނި އެރަށެއްގެ ކައުންސިލްގެ ހުއްދައާއެކު ދެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އަދި މިވަގުތު ރައްކާތެރިކަމުގެ ގޮތުން ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށާއި އެކަކު އަނެކަކާއި ގައިދުރުކަން އިސްކޮށް ކޮންމެހެންވެސް މާސްކު އެޅުމަށް އެންމެފައި ފަރުދުންނަށް ވަނީ އަންގަވާފައެވެ.