ޚަބަރު

ސާޖަންޓް މޭޖަރގެ މަޤާމަށް ކޮމާންޑް ސާޖަންޓް އަދުނާން ޢަލީ


އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމު ކަމުގައިވާ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ހަމަޖައްސަވައިފިއެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފަކީ އެންލިސްޓެޑް ކޯގެ އޮފިސަރުންގެ ވެލްފެއަރ ކަންކަމުގައި އެންމެ އިސް ދަޢުރެއް އަދާކުރައްވާ ބޭފުޅާއެވެ. "ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް"ގެެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަޤާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ "ސިލޭހަ" ހަވާލުކުރައްވާފައިވަނީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި މަޤާމު ކުރިން އަދާކުރައްވާފައިވަނީ ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲއެވެ. އަދި މި ރަސްމިއްޔާތުގައިވަނީ ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އަށް ޚިދުމަތުގެ އައްޑަނަ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ސިފައިންގެ އިސް ބޭފުޅުންނާ، ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.