ޚަބަރު

ރާއްޖޭގެ 32ވަނަ ޅެންވެރިންގެ ދުވަސް: "ތެދުވާށެ އަލުން އައު ދިރުމެއް ދޭނެ ގޮތެއްގައި"


ރާއްޖޭގެ ޅެންވެރިންގެ ދުވަސް ނިސްބަތްކުރެވެނީ މަޝްހޫރު ޅެންވެރިޔާ އަދި ދިވެހި އަދީބު އަލްއުސްތާޛު އިބްރާހީމް ޝިހާބަށެވެ. ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ އެމަނިކުފާނު ދެމިއޮތުމުގެޢާލަމަށް ދަތުރުކުރެއްވި ދުވަހެވެ. އަލްއުސްތާޛު އިބްރާހީމް ޝިހާބަކީ ދިވެހިބަހާއި އަދަބަށް ޚާއްސަކޮށް ދިވެހި ޅެންވެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި މަޝްހޫރު ޅެންވެރިއެކެވެ. އެމަނިކުފާނަކީ ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބެވެ. މިއަދަކީ ރާއްޖޭގެ 32ވަނަ ޅެންވެރިންގެ ދުވަހެވެ.

ސަރުކާރުން ވަނީ 1988ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހު ޅެންވެރިންގެ ދުވަހުގެ ގޮތުގައި އޭގެފަހުން އެދުވަސް ކަނޑައެޅުއްވާފައެވެ. އެއާގުޅިގެން ކޮންމެ އަހަރެއްގައިވެސް މިދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރިންގެ އަގުވަޒަންކޮށް ޅެންވެެރިކަން ދިރުވައި އާލާކޮށް ޅެންވެރިންނަށް ހިތްވަރުދޭ ދުވަހުގެ ގޮތުގައެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމޔުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން މިއަހަރު ކަނޑައަޅުއްވާފައިވަނީ އައްނަބީލާ އަލްމަރުޙޫމާ ފާޠިމަތު ސަޢީދުގެ ހަނދާނަށެވެ. އެކަމަނާއަކީ ދިވެހި އަދަބީ ބަގީޗާގެ ނަރުގިސްމަލެވެ. އައްނަބީލާ ފާޠުމަތު ސަޢީދަކީ މަޝްހޫރު ޢިލްމުވެރިޔާ އަދި އަދީބު ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލުންނެވެ. އެކަމަނާއަކީ ރައްޖޭގެ ކުރީގެ ރައީސް އަދި މަޝްހޫރު އަދީބު ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ފުރަތަމަ އަނބުކަނބަލުންނެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައެޅިފައިވާ ޝިޢާރަކީ " ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." މިއެވެ. މިއީ އައްނަބީލާ ފާޠިމަތު ސަޢީދު "އޭ ދިވެހި ޤައުމާއެވެ!" މި ސުރުޚީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ.

މިއަހަރު މިޝިއާރުގެ ގޮތުގައި ކަނޑައެޅީ މިއަހަރު ޅެންވެރިންގެ ދުވަސް ބައްދަލުކުރިއިރު މުޅި ދުނިޔެއާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ނުރައްކަލުގެ ނުތަނަވަސްކަމުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ ގޮތުންކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ. އަދި މި އަޑިގުޑަންގަނޑުން އަރައިގަތުމަށް ހުރިހާ ދިވެހިންނަށްވެސް އައު އަޒުމަކާއި އައު ހިތްވަރަކާއެކު ކުރިއަށް ދިޔުމުގެ އުއްމީދު އާކޮށްދިނުމަށްކަމަކީވެސް މިކަމުގެ މަޤުސަދެކެވެ.

މި ޝިޢާރުން ބާރު އަޅަނީ ކޮވިޑު19ގެ ސަބަބުން އަޅުގަނޑުމެންނަށް ގެނުވި މާޔޫސްކަން ފިލުވައިދީ ކަންބޮޑުވުންތަކުން ދުރުހެލިކޮށްދީ އުންމީދުތަކުން އުފާލިބިދިނުމުގެ މުހިންމުކަމުގެ މައްޗަށްކަމަށް ދިވެހިބަހުގެ އެކަޑަމީން ވިދާޅުވެއެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަހާ ގުޅިގެންވެސް ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އެގޮތުން ސަމާސާޅެން ހެދުމުގެ މުބާރާތެއް ބޭއްވުމާއި، އެކެޑަމީން ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިން އެންމެހައި ފަރާތްތައް ޝާމިލްކޮށްގެން އޮންލައިން ވެބިނަރއެއް ބޭއްވުމާއި ޅެންވެރީންގެ ފޮތްތައް ނެރުމާއި އިހާއި ފަހުގެ ޅެންވެރީންގެ ޅެންތައް މީސްމީޑީޔާގައި އާންމުކުރުމުގެ ކެމްޕޭނެއް ކުރިޔަށް ގެންދިޔުމާއި ދުވަހާ ގުޅޭ ޚާއްޞަ ލުއި ފޮތެއް ނެރުމުގެ އިތުރުން ދުވަހުގެ ޚާއްސަ ޖަލްސާވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.