ޚަބަރު

ހުޅުމާލޭ 20 މަގެއް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށް، މަގުތައް އަލިކުރަނީ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 20 މަގެއް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވީ، ހުޅުމާލޭގެ އާބާދީ އަދި އެކި ސަބަބުތަކަށް ހުޅުމާލޭ ޒިޔާރަތްކުރާ ބޭފުޅުންގެ އަދަދު ގިނަވެފައިވާއިރު، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކާ އެ ކޯޕަރޭޝަނުން ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާކަމަށެވެ. މި ޕްލޭންގެ ދަށުން ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް (ވަންވޭ) ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައިވެއެވެ.

އެގޮތުން 20 މަގެއް މި ޕްލޭންގެ ދަށުން އެއްކޮޅަށް ދުއްވޭގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައިވާ މަގުތަކުގެ ތެރޭގައި ޗަނބޭލީމަގު 1،2،3،4،5،6،7،8،9 ނަންބަރު ގޯޅިއާއި، ރަބަރުގަސްމަގު 1،2،3،4،5،6،7،8،9 ނަންބަރު ގޯޅި އަދި ބުރެވިގަސްމަގާއި ބޯގަންވިލާމަގު 1 ނަންބަރު ގޯޅި ހިމެނެއެވެ.

ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ އެޗް.ޑީ.ސީން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއްކޮޅަށް ދުއްވޭ މަގުތައް ކަނޑައެޅުމުގެ އިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 14 ސަރަޙައްދެއްގައި 1،330 މަގުބައްތި ޖެހުމާއި، މިހާރު ހުރި ގިނަ ބައްތިތަކެއް ބަދަލުކުރުމުގެ މަސައްކަތްވެސް އެކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.