ވިޔަފާރި

ރިސޯޓް ހަދަން އަލަށް އިއުލާންކުރި ރަށްތަކަށް ބޮޑު ތަރުހީބެއް!


ރިސޯޓު ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އެންމެފަހުން ހުޅުވާލި ރަށްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި، 65 ފަރާތަކުން ބައިވެރިވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖޭގެ 4 އަތޮޅަކުން 3 ރަށާއި އަދި ބިމެއް، ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލައިފައެވެ. ޓުއަރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލާފައިވަނީ، ހއ. އަލިދުއްފަރުފިނޮޅު، ށ. ކުޑަޅައިމެންދޫ ނ. ކުންނަމަލެއި އަދި ހދ އަތޮޅުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވައިކުރަމުރައިދޫން 15 ހެކްޓަރުގެ ބިމެކެވެ.

ޓުއަރިޒަމް މިނިސްޓްރީން ރަށްތަކާއި ބިމެއް ފަތުރުވެރިކަމަށް ހުޅުވާލިއިރު، މިކަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން މިހާރު ބާއްވާފައިވާއިރު، މި 3 ރަށާއި، ބިމުގެ ބީލަން ފޮތް އަންނަ މާޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީން ގަނެވޭނެކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި ބީލަން ހުށަހެޅުން މާޗު މަހުގެ 7 ވަނަ ދުވަހު އޮންނާނެކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.

ސަރުކާރުން ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލައިވާ ރަށްތަކަކީ ސަރުކާރުން މުޅިން އަލަށް ރިސޯޓު ތަރައްޤީކުރުމަށް ހުޅުވާލާނެކަމަށް 2019 ވަނަ އަހަރު އިއުލާން ކޮށްފައިވާ 29 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެކެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި ރަށްތައް ތަރައްޤީކޮށް \ނިމޭއިރު 13720 އެނދު ޤާއިމު ކުރެވޭނެއެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 35000 އެނދު އަލަށް ތަރައްޤީ ކުރުމުގެ ވައުދުގެ ތެރޭގައި ހިމެނިގެން ދާނެ އެނދުތައްކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.