ވިޔަފާރި

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ރަޝިޔާ


މިއަހަރުގެ މިހާތަނަށް ރަޝިޔާއިން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 10000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 13 ދުވަސްތެރޭ ރަޝިޔާއިން ރާއްޖެއަށް ވަނީ 10002 ފަތުރުވެރިން އައިސްފައެވެ. މިއީ ރާއްޖެއަށް ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ޤައުމު ކަމަށްވާ އިންޑިއާއިން މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު ކަމުގައިވާ 5727އާ އަޅާ ބަލާއިރު ޤާތްގަނޑަކަށް 2 ގުނަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 3 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރެއިން އިންނެވެ. އެޤައުމުން ރާއްޖެއަށް 3472 ފަތުރުވެރިން އައިސްފައިވެއެވެ. ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ކަޒަކިސްތާނުންނެވެ. އެޤައުމުން ރާއްޖެއަށް 2034 ފަތުރުވެރިން އައިސްފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 5 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރޯމޭނިއާއިންނެވެ. އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ 1534 އަށް އަރާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި އަބަދުވެސް އެންމެ ކުރީގައި އުޅޭނީ ވަކި މާކެޓްތަކެކެވެ. އެހެން ނަމަވެސް ކޯވިޑް19އާއެކު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ ތަފާތު އެކި މާރކެޓުތަކުން އިތުރުވަމުންނެވެ. އެގޮތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނޭ ޔޫކްރެއިން، ކަޒަކިސްތާން އަދި ރޯމޭނިއާފަދަ ޤައުމުތަކަކީ ކުރިން ރާއްޖޭގެ ގަދަ 5 ގައި ނުހިމެނޭ ޤައުމުތަކެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ 37926 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 72262 ފަތުރުވެރިންނާ އަޅާބަލާއިރު 47.5 އިންސައްތަ ދަށް އަދަދެކެވެ.

ފަތުރުވެރިންނަށް ޙިދުމަތްދޭ ފެސިލިޓީތައްވެސް އަލުން ހުޅުވާލަމުންދާއިރު މިހާތަނަށް 578 ފެސިލިޓީއަކުން 42244 އެނދުވަނީ ފަތުރުވެރިކަމަށް ނެރެފައެވެ.