އުއިގަރ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންގެ ޙައްޤުގައިކަމަށް ބުނެ އެމެރިކާއިން ޗައިނާއިން ކަފައާއި ޓޮމާޓޯގެ އުފެއްދުންތައް އެތެރެކުރުން މަނާކޮށްފިއެވެ.
ޗައިނާގެ ޝިންޖިއާން ޕްރޮވިންސުގައި އުއިގަރ މުސްލިމުން އަޅުދާސްތުކޮށްގެން މަސައްކަތް ކުރުވާކަމަށް ބުނެ އެޅި މި ފިޔަވަޅުގެ ދަށުން އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަން އިން ވަނީ ޗައިނާގެ ޝިންޖިއާން ޕްރޮވިންސުން އެމެރިކާއަށް ކަފައާއި ޓޮމާޓޯ އެތެރެ ކުރުން މަނާކޮށްފައެވެ. މި ފިޔަވަޅުގެ ސަބަބުން ޗައިނާގެ ޝިންޖިއާން ޕްރޮވިންސުގައި ހައްދާ ކަފައާއި ޓޮމާޓޯއިން އުފައްދާ އިތުރު އުފެއްދުންތައްވެސް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. މީގެ ތެރޭގައި ފޭރާމާއި، ކާބޯތަކެތި ހިމެނެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމް ލޭންޑް ސެކިއުރިޓީގެ ދަށުން ހިންގާ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންއިން އެޅި މިފިޔަވަޅުގެ ސަބަބުން އަހަރެއްގެ މައްޗަށް 19 ބިލިއަން ޑޮލަރުގެ ގެއްލުމެއް ޗައިނާއަށް ކުރިމަތިވާނެކަމަށް އެމެރިކާ ސަރުކާރުން ވަނީ ބުނެފައެވެ.
އުއިގަރ ދަރިކޮޅަށް ނިސްބަތްވާ މުސްލިމުންގެ ޙައްޤުގައިކަމަށްބުނެ ޗައިނާއިން ކަފައާއި ޓޮމާޓޯގެ އުފެއްދުންތައް އެތެރެކުރުން އެމެރިކާއިން މަނާކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރ މަހު އެމެރިކާގެ ރައީސް ޓްރަންޕް ވަނީ ޗައިނާގެ ޝިންޖިއާން ޕްރޮވިންސުގައި އުއިގަރ ދަރިކޮޅަށް ނިސްބަތްވާ މިލިއަނަކަށްވުރެ ގިނަ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭކަމަށް ބުނެ ޗައިނާގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ބިލެއް ތަސްދީޤު ކުރައްވާފައެވެ. މި ބިލުގެ މަޤްސަދަކީ އިންސާނީ ހައްޤުތަކާއި ގުޅޭގޮތުން ޗައިނާއަށް ސާފު މެސެޖެއް ފޮނުވުންކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
ޗައިނާއިން ބުނީ އެތައް ހާސް މުސްލިމުންނެއް ޝިންޖިއާންގައި ބަންދުކޮށްފައިވަނީ ތަފާތު އެކި ތަމުރީނުތައް ދިނުމަށްކަމަށާއި ޙައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށެވެ. އެމެރިކާއިން ފާސްކޮށް، ތަސްދީޤުކުރި ބިލަކީ ޗައިނާއަށް ދިން ޒާތީ ޙަމަލާއެއްކަމަށް ޗައިނާގެ ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން ހަދާފައިވާ ގޯސްތައް މިހާރުން މިހާރަށް އިސްލާޙު ކުރަންޖެހޭކަމަށެވެ. އަދި ޗައިނާއަށް ގެއްލުން ދިނުމަށާއި އެ ޤައުމުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވަން ބިލުތައް ފާސްކުރުން ހުއްޓާލުމަށް ޗައިނާއިން ވަނީ ގޮވާލައިފައެވެ. އެމެރިކާއިން އެގޮތަށް ޢަމަލުނުކޮށްފިނަމަ ޗައިނާއިން އެކަމުގެ ރައްދުގެ ގޮތުގައި ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު އެ ވުޒާރާއިން ވަނީ ދީފައެވެ. އެގޮތަށް އަޅާ ފިޔަވަޅެއްގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމެރިކާއިންކަމަށްވެސް ޗައިނާއިން ބުންޏެވެ.
އެމެރިކާއިން ޗައިނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބިލެއް ފާސްކޮށްފައިވަނީ ޗައިނާއިން މުސްލިމުން ބަންދުކުރަން ނިންމި ނިންމުމަށް ޓްރަންޕް ތާޢީދުކުރައްވާކަމަށް އޭނާގެ ކުރީގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޯން ބޮލްޓަންގެ ތަޖުރިބާއާ ގުޅޭގޮތުން އޭނާ ނެރުއްވި ފޮތުގައި ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާއިން އަޅާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއްކަމަށް ވިދާޅުވެ، ޓްރަންޕުވަނީ ތަފާތު އެކި ފަހަރުމަތިން އެ ޤައުމުގެ ސަރުކާރަށް ފާޅުގައި ތަޢުރީފުކުރައްވައިފައެވެ.
އެމެރިކާގެ ނިންމުމަށް ވޯލްޑް އުއިގަރ ކޮންގްރެސުން ވަނީ މަރުޙަބާ ކިޔާފައެވެ. އެ ބިލުގެ ސަބަބުން ގޮތް ހުސްވެފައިވާ އުއިގަރ މުސްލިމުންނަށް އައު އުއްމީދެއް ލިބިފައިވާކަމަށް އެ ޖަމާޢަތުން ވަނީ ފާހަގަކޮށްފައެވެ.