1.22 ޑޮލަރަށް ވީޑިއޯ ސްޓްރީމްކުރެވޭ ޕްލޭނެއް ތަޢާރަފްކޮށް، އެންމެ އަގު ހެޔޮ ސްޓްރީމިންގ ޕްލޭން އެމަޒޯން ޕްރައިމް ވީޑިއޯއިން ތަޢާރަފްކޮށްފިއެވެ.
އެމަޒޯންއިން މި ޕްލޭން ތަޢާރަފްކޮށްފައިވަނީ ވަކި ޚާއްސަ ޝަރުތުތަކަކާއެކު އިންޑިއާގައި އެކަންޏެވެ.
އަލަށް ތަޢާރަފްކުރި ޕްލޭންއާއި ގުޅޭގޮތުން ވާހަކަދައްކަމުން އެމަޒޯން ޕްރައިމްގެ އޮފިޝަލަކު ވިދާޅުވީ، މި ޕްލޭން ތަޢާރަފުކުރީ ކޯވިޑްގެ ސަބަބުން އިޤްތިޞާދީ ބޮޑު ދަތިކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ވީހާވެސް ކުޑަ ޚަރަދެއްކޮށްގެން ވީޑިއޯ ސްޓްރީމްކުރެވޭނެ މަގު ފަހިކުރުމައްޓަކައެވެ. އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުންވެސް ޑޭޓާގެ އަގު އެންމެ ކުޑަ ޤައުމުކަމުގައިވުމުން އިންޑިއާއިން މިފަދަ ޕްލޭން ފެށުމަށް ނިންމީކަމަށް އެމަޒޯންގެ އޮފިޝަލް ވިދާޅުވިއެވެ.
މަހެއްގެ މައްޗަށް 1.22 ޑޮލަރު ނުވަތަ 89 ރުޕީސް ދައްކައިގެން މި ޕްލޭން ބޭނުންކުރެވޭއިރު، މި ޕްލޭންގެ ދަށުން ސްޓްރީމްކުރެވޭނީ ހަމައެކަނި ފޯނުންނެވެ. އެމަޒޯންއާއި އިންޑިއާގެ ޓެލެކޮމް ޚިދުމަތްދޭ ބާރްތީ އެއަރޓައިލް ގުޅިގެން ފެށި ޕްލޭންގެ ދަށުން މި ޕްލޭން އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެއަރޓެލް ގެންގުޅޭ ކަސްޓަމަރުންނަށް އެކަންޏެވެ. މި ޕްލޭންގެ ދަށުން ސްޓްރީމްކުރެވޭ ކޮލިޓީ ދަށްވި ކަމުގައި ވީނަމަވެސް، އެމަޒޯންގެ އާކައިވްގެ ހުރިހާ ވީޑިއޯއެއް ލިބެން ހުރުމުން މި ޕްލޭން ކާމިޔާބުވާނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. އެއަރޓެއިލްގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް މި ޕްލޭންގެ ދަށުން 30 ދުވަހުގެ ފްރީ ޓްރައިލްއެއް ލިބިގެންދާނެއެވެ.
އެމަޒޯންއިން އައު ޕްލޭންއެއް ތަޢާރަފްކުރިޔަސް މީގެ ކުރިން އެމަޒޯންއިން މި ޚިދުމަތް ދެމުންދިޔަ ޕްލޭން އުވާލާފައެއް ނުވެއެވެ. އެގޮތުން މަހެއްގެ މައްޗަށް 1.27 ޑޮލަރު ނުވަތަ 127 ރުޕީސް ދައްކައިގެން ހައި ކޮލިޓީގައި އެމަޒޯން ޕްރައިމް ވީޑިއޯގެ ވީޑިއޯ މިހާރުވެސް ސްޓްރީމްކޮށްލެވޭނެއެވެ.
އެމަޒޯންއިން އެކުންފުނީގެ ސްޓްރީމިންގްގައި އައު އަދި އަގުހެޔޮ ޕްލޭންއެއް ތަޢާރަފްކޮށްފައިވާއިރު، އެ ކުންފުނި ވެގެންގޮސްފައިވަނީ އިންޑިއާގައި މި ވިޔަފާރި އެންމެ ހެޔޮ އަގުގައި ހިންގަމުންދާ ކުންފުންޏަށެވެ. އޮންލައިން ސްޓްރީމިންގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދުވަސްވަރު އެމަޒޯންގެ ވާދަވެރި ނެޓްފްލިކްސްއިންވެސް ވަނީ އަގު ހެޔޮ ޕްލޭންތަކެއް ތަޢާރަފްކޮށްފައެވެ. އެގޮތުން އެ ކުންފުނިން 6.82 ޑޮލަރާއި 10.92 ޑޮލަރާއި ދެމެދުގެ އަގެއްގައި މިޚިދުމަތް ފޯރުކޮށްދޭއިރު، މިއީ އެމަޒޯންގެ އަގަށްވުރެ ބޮޑު އަގެއްކަމުގައިވުމުން ނެޓްފްލިކްސްގެ މަޤުބޫލުކަން އިންޑިއާގައި ކުޑަވަމުންދާކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ. ނެޓްފްލިކްސް އޮރިޖިނަލްގެ އުފެއްދުންތަކުގެ މައުބޫލުކަމާއެކު އެ ކުންފުނީގެ ވިޔަފާރި އިންޑިއާގައި ދަމަހައްޓާލެވުނުނަސް، އެ ކުންފުނިން ވިޔަފާރީގެ އައު އުކުޅުތައް ބޭނުންކޮށް ހިނގުން ބަދަލުކުރަންޖެހޭކަން މި ފަރާތްތަކުން ފާހަގަކުރެއެވެ.