ޚަބަރު

އިންތިޚާބާ ގުޅޭ އިސްލާހުގެ އިބްތިދާއީ ބަހުސް އާދިއްތަ ދުވަހު


"ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނު 2020" އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް މިމަހުގެ 17ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ދައުރުން ބޭރުން މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައިވަނީ ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަކިޔުން އިއްވާފައެވެ.

މި ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވީ ދައުރުން ބޭއްރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައިވަނީ 29 މެންބަރުން ސޮއިކޮށް ހުށައެޅުމުން ކަމަށާއި، ކައުންސިލް އިންތިޚާބު އިތުރަށް ފަސްނުކޮށް އިންތިޚާބު ބޭއްވުމަށް ބޭނުންވާ އިސްލާޙުތަކާއެކު ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާޙުގެނައުމުގެ ބިލް ފާސްކުރުމާހަމައަށް ދައުރުން ބޭރުން މިފެށި ޚާއްސަ ޖަލްސާތައް ކުރިއަށްގެންދާނެކަމަށެވެ.

އެގޮތުން ދެން އޮންނާނީ ބިލުގެ އިބްތިދާޢީ ބަހުސްކަމަށާއި، އިބްތިދާޢީ ބަހުސްގައި ބައިވެރިވާ ހުރިހާ މެންބަރުންނަށް ފުރުސަތުދިނުމަށްޓަކައި މިމަހުގެ 17ވަނަ ދުވަހު އިތުރު ޖަލްސާއެއް ބާއްވަވާނެކަމަށެވެ.

"އިބްތިދާއީ ބަހުސަށްފަހު ބަހުސް ނިމިގެން، އަޅުގަނޑު ގަސްދުކުރަނީ 17 ޖެނުއަރީގައި މިބިލާގުޅޭގޮތުން ވާހަކަފުޅުދައްކަވަން ބޭނުންވާ ހުރިހާ އިއްޒަތްތެރި މެންބަރުން ވާހަކަފުޅުދައްކަވާ ނިމެންދެން ޖަލްސާ ކުރިއަށްގެންދަން. އެއަށްފަހު ކޮމިޓީ މަރުހަލާއަށްގޮސް އެމަރުހަލާ ނިމިގެން އަނެއްކާ 3 ދުވަސްދީފައި އަޅުގަނޑުމެންނަށް އަލުން އަނބުރާ ވޯޓަކާއި ހަމައަށް ބިލް ގެންދެވޭނީ" މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކޯވިޑް-19އާ ގުޅިގެން ބޭއްވޭގޮތް ނުވުމުން، ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނެއް އެކުލަވާލިނަމަވެސް، އެޤާނޫނުގެ ދަށުން މިހާރު މިއޮތް ޙާލަތުގައި އިންތިޚާބު ބޭއްވުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައެޅި ތާރީޚުގައި އިންތިޚާބު ނުބޭއްވޭނެކަން ކަށަވަރުވުމާއެކު މިހާރު ވަނީ އައު ތާރީޚެއް ކަނޑައަޅައި އެ ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ފެބްރުވަރީމަހުގެ ކުރިން ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިޞްލާޙު ގެނެވިއްޖެނަމަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އިންތިޚާބު ބޭއްވޭނެކަމަށެވެ. އަދި އެދުވަހަށް އިންތިޚާބު ބޭއްވުމަށް މިހާރު ވަނީ ތާވަލުވެސްކޮށްފައެވެ.