ޚަބަރު

10.9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ދިހަ މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ރާއްޖެއަށް ދެދުވަހެއްގެ މަތިން އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު އެތަކެތި އެތެރެކުރަން އުޅުނު މީހުން މިހާރު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މިމަސްތުވާތަކެތީގެ ބަރުދަނުގައި 3.12 ކިލޯ ހުރިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. މިއީ މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ލެޓްވިއާއިން އައިމީހަކާއި ނޮވެމްބަރުމަހުގެ 28ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއަށް އައި މީހެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗެވެ. މިތަކެތި އަތުލައިގަނެވުނީ އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެންކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މިދިޔަ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއައި ޢުމުރުން 23 އަހަރުގެ ފިރިހެން މީހާއަތުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކޮކެއިންގެ 2.4 ކިލޯ އަތުލައިގެންފައިވެއެވެ. އަދި ނޮވެމްބަރު މަހުގެ 28ވަނަ ދުވަހު އައި ޢުމުރުން 21 އަހަރުގެ ފިރިހެން މީހާއަތުން މަސްތުވަތަކެތި ހިމެނޭ 66 ކެޕްސޫލް ފެނިފައިވެއެވެ. މިތަކެތީގެ ބަރުދަނުގައި 654 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުން 3 ކިލޯއަށްވުރެ ގިނަ މިމަސްތުވާތަކެތީގެ މަގުމަތީގެ އަގު 10.9 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ގެންނަ މަސްތުވާތަކެތި ހިފަހައްޓައި މިފަދަ ކޭސްތަކާއި ގުޅޭ ބޮޑެތި ކެޓްވޯކްތައް އަތުލައިގަތުމަށް ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ކަސްޓަމްސްއިންވެސްދަނީ މަސައްކަތްކުރައްވަމުންނެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި މަސްތުވާތަކެއްޗާ ގުޅުންހުރި އޮޕަރޭޝަންތައް ފުލުހުން ހިންގަވަމުންދާއިރު މިދިޔަ އަހަރުގެ ތެރޭގައިވެސް 300 ކިލޯއާއި ގާތްކުރާ މަސްތުވާތަކެތި އަތުލައިގަނެ ވަނީ ނައްތާލާފައެވެ.