ދުނިޔޭގެ ވިޔަފާރި

މިޞްރުގެ ބޯޑަރުތައް ޤަތަރަށް ހުޅުވާލައިފި


މިޞްރުން އެ ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ޤަތަރަށް ހުޅުވާލައިފިއެވެ.

މިޞްރުން އެގޮތަށް ނިންމާފައިވަނީ ގަލްފުގެ މައްސަލާގައި ޤަތަރާއި ޢަރަބި ޤައުމުތަކާއިމެދު އުފެދިފައިވާ މައްސަލަތަކަށް ނިމުމެއް ގެނައުމަށް "ރީކޮންސިލިއޭޝަން" ނުވަތަ ގުޅުން އަލުން ގުޅުން ޤާއިމުކުރުމުގެ މުއާހަދާއެއްގައި ސޮއިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ 2017ވަނަ އަހަރުގެ ޖޫން މަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއާއިއެކު އެ ޤައުމުތަކުން ޤަތަރާއިއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައްވެސް ބަންދުކުރިއެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ޤައުމާއި ދެކޮޅަށް ކުރާ ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ.

ސަޢުދީ ޢަރަބިއްޔާގެ އަލް އޫލާގައި ބޭއްވި ގަލްފް ކޯޕަރޭޝަން ކައުންސިލް، ޖީސީސީގެ ބައްދަލުވުމުގައި ސަޢުދީގެ ޚާރިޖީ ވަޒީރު ވަނީ 2017 ވަނަ އަހަރު ޢަރަބި ޤައުމުތަކުން ޤަތަރާއިއެކު ކަނޑާލި ގުޅުން އަލުން ޤާއިމްކުރާނެކަމަށް ބުނެފައެވެ. އެއާއިއެކު ސަޢުދީ ޢަރަބިއްޔާއިން ވަނީ އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ޤަތަރަށް ހުޅުވާލައިފައެވެ. ނަމަވެސް އޭރު ޔޫއޭއީއާއި މިޞްރާއި ބަހުރައިނުން އެފަދަ ނިންމުމެއް އިޢުލާނުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، މިއަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ޔޫއޭއީއިން އެ ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ޤަތަރަށް ވަނީ ހުޅުވާލާފައެވެ. އެއަށްފަހު މިޞްރުންވެސް މިވަނީ އެ ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ޤަތަރަށް ހުޅުވައިލާފައެވެ. މިއާއެކު މިހާރު ޤަތަރަށް އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ހުޅުވާލާފައި ނުވަނީ ބަޙުރައިން އެކަންޏެވެ.

މިޞްރުގެ ރަސްމީ ފަރާތަކުން އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޤަތަރާއިއެކު ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުންތައް ޢަރަބި ޤައުމުތަކުން އަލުން ޤާއިމްކުރި ނަމަވެސް ޚާރިޖީ ގުޅުން ޤާއިމްކުރުމަށް އަދި އިތުރު ވަގުތު ނަގާނެކަމަށެވެ. އެއީ ދެ ފަރާތަށްވެސް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް ވަގުތު ނަގާނެތީކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މި ހުޅުވާލި ފުރުސަތުގެ ދަށުން ޤަތަރު އެއަރވޭސްގެ ބޯޓުތަކަށް މިޞްރުގެ ވައިގެ ސަރަހައްދުގައި އުދުހުމުގެ ހުއްދަ ދީފައިވާއިރު، ޤަތަރު އެއަރވޭސްއާއެކު ސީދާ ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ހަފްތާއަކު އެއް ދަތުރުންކަމަށް މިޞްރުގެ ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ. މިކަމުގެ އިތުރު ތަފްސީލެއް މިޞްރުންވެސް އަދި ޤަތަރުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ އަރަބިއްޔާއިންވެސް ވަނީ ޤަތަރު އެއަރވޭސްއާއެކު ސީދާ ދަތުރުތައް މިހާރު ފަށާފައެވެ. ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ޖަނަވަރީ 11 ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއަން އެއަރލައިންސްއިން އެގައުމުގެ ވެރިރަށް ރިޔާޟުން ދޯހާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ޤަތަރު އެއަރވޭސްއިން މީގެ ކުރިން ދަތުރުކުރި ސައުދީގެ ހުރިހާ މަންޒިލަކަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖިއްދާއަށް ހަފުތާއަކު 4 ފްލައިޓް ބާއްވާއިރު، ހައްމާމް އަދި ރިޔާޟްއަށް ދުވާލަކު ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސައުދީ އަރަބިއަން އެއަރލައިންސްއިން ރިޔާޟުން ދޯހާއަށް ހަފްތާއަކު ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.