ޚަބަރު

ފެހެންދޫގައި ނާސަރީގައި ކިޔަވާ ދަރިވަރުންނަށް އެލަވަންސް ދިނުމަށް މަޝްވަރާކުރަނީ


ގޮއިދޫ ސްކޫލްގެ ނާސަރީގައި ކިޔަވާ ފެހެންދޫގެ 5 ދަރިވަރަކަށް އެލަވަންސް ދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ގޮއިދޫ ސްކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ފެހެންދޫގެ 5 ދަރިވަރަކަށް އެލަވަންސް ނުދޭތީ އެދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އަދި މިކަމާ ގުޅިގެން ގޮއިދޫ ސްކޫލާ މި 5 ދަރިވަރުންގެ ބެލެނިވެރިންނާ މަޝްވަރާތަކެއް ކުރެވިފައިވާކަމުގެ މައުލޫމާތެއްވެސް ވަނީ ލިބިފައެވެ.

ބެލެނިވެރިންގެ މިކަންބޮޑުވުން ފެހެންދޫ ކައުންސިލަށް ހުށައެޅުމުން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، މިކަމާ ގުޅިގެން ފެހެންދޫ ކައުންސިލާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން ވާހަކަދައްކަވަމުން ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ، އެލަވަންސް ދިނުމުގެ އުސޫލުގައި މީގެކުރިން އެލްކޭޖީ ޔޫކޭޖީ ކިޔަވާ ދަރިވަރުންނަށް އެލަވަންސެއް ކަނޑައަޅާފައި ނުވާކަމަށެވެ.

"އެ ތައުލީމަކީ ރަސްމީ ތައުލީމް ތެރޭގައި ހިމެނޭ ތައުލީމަކަށް ކުރިން ނުވޭ. އެހެންނަމަވެސް ތައުލީމީ ޤާނޫނަށް މީގެ ތިން އަހަރު ކުރިން ގެނެވުނު އިސްލާޙާއެކު ފައުންޑޭޝަން ސްޓޭޖްގައި ކިޔަވާ ދަރިވަރުންވެސް ހިމެނޭނީ ރަސްމީ ތައުލީމްގެ ތެރޭގައި ކަމަށް ވުމުން މިދަރިވަރުންނަށް އެހެން ދަރިވަރުންނަށް ދޭ އުސޫލުން އެލަވަންސެއް ހަމަޖެހެންޖެހޭނެކަމަށް ގަބޫލްކުރަން." ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވިއެވެ.

ފެހެންދޫ ސްކޫލް ބަންދުކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން މިރަށު ދަރިވަރުން ތައުލީމް ހާސިލް ކުރަމުންގެންދަނީ، އަތޮޅުގެ އެހެން ރަށްރަށުގަޔާއި ގޮއިދޫ ސްކޫލްގައެވެ.