ޚަބަރު

ރެކޯޑް އަދަދަކަށް ވާރޭ ވެހި، ދަރަވަންދޫގައި ފެންބޮޑުވެއްޖެ


ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް އިއްޔެ ކުރި ވިއްސާރައިގައި ރެކޯޑް އަދަދަކަށް ބ.ދަރަވަންދޫއަށް ވާރޭވެހިފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ހާމަކޮށްފިއެވެ.

އިއްޔެގެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެރަށަށް 135.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ. މިއީ މިހާތަނަށް އެރަށަށް އެންމެ ގިނައިން ވާރޭ ވެހުނު ދުވަހެވެ.

އިއްޔެ އެރަށަށް ކުރި ވިއްސާރައިގެ ސަބަބުން ބައެއްގެތަކަށް ފެންވަދެފައިވާކަމަށާ، އަދި ބައެއް މަގުތަކުގައި ފޫޓަކަށްވުރެ އުސްކޮށް ފެން ހެދިފައިވާކަމަށްވެސް ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވިއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައި ނުވިނަމަވެސް ގެތަކަށް ފެންވަދެފައިވާ މިންވަރަށް ބަލާނަމަ ގެތަކުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންވާނޭކަމަށް ލަފާކުރެވޭކަމަށް ދަރަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަށުގެ މަގުތަކުގައި ހެދުނު ފެން ހިންދާފައިވަނީ ދަރަވްންދޫ އެއަރޕޯޓްގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ޕަމްޕް ބޭނުންކޮށްގެން، މޫދަށް ކޯރުކަނޑައިގެން ރައްޔިތުންނާ ފުލުހުންނާ އެރަށު އެއަރޕޯޓް މުވައްޒަފުންނާއި ކައުންސިލް ގުޅިގެންނެވެ.

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ބ.އަތޮޅަށެވެ. އެގޮތުން ބ.މާޅޮހުގައިވެސް ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުންތަކެއްވަނީ ލިބިފައެވެ. ވާރޭ ވެހުމުގެ ސަބަބުން އެރަށު މަގުތަކުގައި ހެދިފައިއޮތް ފެންގަނޑުތައް ހިއްކާފައިވަނީ އެމްއެންޑީއެފްއާއި ފުލުހުންގެ އެޙީތެރިކަމާއެކު ރޭ މެންދަމުއެވެ.

މި ވިއްސާރައިގެ އަސަރު ބ.އޭދަފުއްޓަށްވެސް ވަނީ ކޮށްފައެވެ. އެކަމަކު އެރަށު އެއްވެސް ގެއަކަށް ފެންވަދެ ގެއްލުމެއް ލިބިފައެއްނުވެއެވެ.