ވިޔަފާރި

ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމަށް މީރާއިން ޙާއްސަ ޕޮލިސީއެއް


ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން ރިސްކް މެނޭޖްމަންޓް ޕޮލިސީއެއް ތައާރަފްކޮށްފިއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނީ "ކޮންޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީ" އަކީ ޓެކުހާއިގުޅޭ އިލްތިޒާމްތައް އަދާކުރުން ލުއި ފަސޭހަކޮށްދީގެން ޓެކްސްދައްކާ ފަރާތްތަކަށް އަމިއްލަ އިހްތިޔާރުގައި ޓެކްސް ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބާވުން އިތުރުކުރުމުގެ ގޮތުން ތައާރަފްކުރި ޕޮލިސީއެއްކަމަށެވެ. މީގެއިތުރުން ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤަވާއިދުތަކަށް ތަބާނުވުން މަދުކުރުމަކީވެސް މި ޕޮލިސީގެ ބޭނުމެކެވެ.

މި ޕޮލިސީއާއެކު މީރާއިން ވަނީ 2021 ވަނަ އަހަރުގެ "ކޮންޕްލަޔަންސް އިންޕްރޫވްމަންޓް ޕްލޭން" ތަޢާރަފްކޮށްފައެވެ. މި ޕްލޭންގައި ޓެކްސް ދައްކާ ފަރާތްތަކުން ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބާވާ މިންވަރު އިތުރުކުރުމަށްޓަކައި މިއަހަރު މީރާއިން ކުރަން ކަނޑައަޅާފައިވާ 4 ކަމެއް ވަނީ ހިމަނާފައެވެ.

ކޮންޕްލަޔަންސް އިންޕްރޫވްމަންޓް ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ 2020 ވަނަ އަހަރު އަލަށް ތައާރަފްކުރި އިންކަމް ޓެކްސްއާއި ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމަށް ޓެކްސް ދައްކާ ފަރާތްތަކަށް މަގުފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މީގެއިތުރުން ވަކިވަކި ސިނާއަތްތަކުގައި ހަރަކާތްތެރިވާ އާމްދަނީ ލިބޭ ފަރާތްތައް ރަޖިސްޓްރީކުރުމާއި 2018 އަދި 2019 ވަނަ އަހަރު ޓެކުހާއިގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި މައްސަލަ ހުރި ފަރާތްތައް ދެނެގަނެ އެކަމަށް އެކަށޭނެ ފިޔަވަޅުތައް އެޅުމަށްވެސް ޕްލޭންގައި ހިމަނާފައިވާކަމަށް މީރާއިން ބުނެއެވެ. މީގެއިތުރުން ޓެކުހަށް މަކަރުހަދާ ފަރާތްތަކުގެ ތަހުޤީގު ހިންގުމަށްވެސް މި ޕްލޭންގައި ވަނީ ހިމަނާފައެވެ.