ދުނިޔޭގެ ވިޔަފާރި

ކޮންސިއުމަރ އިލެކްޓްރޯނިކް ޝޯވ : އޭ.އައި ސެންޓާއި ބްލޫޓޫތް މާސްކް ދައްކާލައިފި


އެމެރިކާގައި ބާއްވާ އެންމެ ބޮޑު އިލެކްޓްރޯނިކް ޝޯ، ކޮންސިއުމަރ އިލެކްޓްރޯނިކް ޝޯވގެ ތެރެއިން ބްލޫޓޫތް މާސްކްއަކާއި، އާޓިފިޝަލް އިންޓެލިޖެންސް ސެންޓް ފުޅި ހިމެނޭހެން އީޖާދީ އުފެއްދުންތަކެއް ތަޢާރަފްކޮށްފިއެވެ.

ކޮންސިއުމަރ އިލެކްޓްރޯނިކް ޝޯއަކީ، އެމެރިކާގައި އެންމެ ގިނަ އާންމުން އެއްވެ އެ ޤައުމުގެ ކުންފުނިތަކުން އުފައްދާ އީޖާދީ އުފެއްދުންތައް ބަލާލުމަށް ހުޅުވާލާ ފުރުސަތެއް ނަމަވެސް، ކޯވިޑްގެ ނުރައްކާ އެމެރިކާގައި އަދިވެސް އޮތުމުން މި ޝޯ މިފަހަރު ބާއްވާފައިވަނީ އޮންލައިންކޮށެވެ.

އެމެރިކާގެ އެންމެ ފުރަތަމަ އޮންލައިންކޮށް ބޭއްވި ކޮންސިއުމަރ އިލެކްޓްރޯނިކް ޝޯގައި ދެ ހާހަށްވުރެ ގިނަ އެކްޒިބިޓަރުން ބައިވެރިވިއިރު، މި ޝޯގައި ޕްރޮޑަކްޓްތައް ދައްކާލާފައިވަނީ ވަރޗުއަލް ބޫތްތަކާއި ޕްރެސެންޓޭޝަންތައް އަދި ވަން އޮން ވަން މީޓިންގް ތަކުންނެވެ. ކޯވިޑްގެ ޙާލަތު އެމެރިކާގައި މިހާރުވެސް ގޯސްވުމުން މިއަހަރުގެ ގިނަ އުފެއްދުންތައް ފަރުމާކޮށްފައިވަނީ މި ޙާލަތާއި ގުޅުވައިގެން، ވީހާވެސް ކޮންޓެކްޓްލެސް އުފެއްދުންތަކެއްގެ ގޮތުގައިއެވެ.

ބްލޫޓޫތް އެން ނައިޓީފައިވް މާސްކް

ކޯވިޑް-19 އަށް ދޭނެ ވަކި ޚާއްސަ ފަރުވާއެއް ނުވަތަ ބޭހެއް ނެތް ވާހަކައަކީ އާއްމުންގެ ތެރޭގައި ބައްޔާމެދު ބިރުވެރިކަން އުފެދުނު އެންމެ ބޮޑު އެއް ސަބަބެވެ. ކޯވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފެށިގެން އައީ މާސްކް އެޅުމާއި ހަމައިންނެވެ. މިގޮތުން މި ޝޯގައިވެސް މާސްކްގެ މުޅިން އައު އީޖާދެއް ވަނީ އާންމުންނަށް ދޫ ކޮށްލާފައެވެ. އެމެރިކާގެ ބިނާޓޯން ކިޔާ ކުންފުންޏަކުން ވަނީ މި ޝޯވގެ ތެރެއިން ދުނިޔޭގެ އެންމެ ފުރަތަމަ ބްލޫޓޫތް އެން ނައިންޓީފައިވް މާސްކް ދައްކާލާފައެވެ.

"މާސްކްފޯން"ގެ ނަން ދީފައިވާ އެން ނައިންޓީފައިވްގެ މި މާސްކްއަކީ އެފްއެފްޕީޓޫގެ ފިލްޓާއަކާއި އަޑު ބޭނުންކޮށްގެން އޮޕަރޭޓް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ މާސްކްއެކެވެ. މި މާސްކް ސްމާޓް ފޯނާއި ބްލޫޓޫތް ބޭނުންކޮށްގެން ގުޅާލުމަށްފަހު މާސްކް ނަގަން ނުޖެހި ފޯނުން ވާހަކަދައްކާލައި، ފަސޭހައިން މުޢާމަލާތު ކުރެވޭނެއެވެ. މި މާސްކްގައި ބިލްޓްއިން އިއަރ ފޯން ހުރުމުން މާސްކް ނެގުމަކާއި ނުލާ މިއުޒިކް އަޑިއަހާލާ ސްމާޓް ފޯންތަކުގެ އިންޓަފޭސްތަކާއި މުޢާމަލާތް ވަރަށް ފަސޭހައިން ކޮށްލެވެއެވެ. އެގޮތުން ގޫގުލް އެސިސްޓެންޓާއި އެމަޒޮންގެ އެލެކްސާއާއި މި މާސްކް މެދުވެރިކޮށް މުއާމަލާތް ކުރެވެއެވެ.

ޑިސްއިންފެކްޓް ކުރާ ރޮބޮޓާއި، ރައްކާތެރި ފުޑް ލޮކަރވެސް އެބަހުރި

ކޯވިޑްގެ ވާހަކަ ދައްކާއިރު އެމެރިކާގައި ހިންގަމުންދާ ޗައިނާގެ ޔުނި ޕިން ކުންފުނިންވެސް މިވަނީ މިޙާލަތާއި ވަރަށް ގުޅުން ހުރި އުފެއްދުމެއް ކޮންސިއުމަރ ޝޯގެ ތެރެއިން ދައްކާލާފައެވެ. އެގޮތުން އެ ކުންފުނިން މިވަނީ އަލްޓްރާ ވައިލެޓް ލައިޓްގެ އެހީގައި މަސައްކަތް ކުރާ ޑިސްއިންފެކްޓް ކުރާ ރޮބަޓެއް ދައްކާލާފައެވެ.

މީގެ އިތުރުން ޕެނަސޮނިކް ކުންފުނިން ވަނީ ރައްކާތެރި ފުޑް ލޮކަރ އެއްވެސް ދައްކާލާފައެވެ. "ހުސްމަން" ގެނަން ދީފައިވާ މި ލޮކާރ ބޭނުންކޮށްގެން ފިހާރަތަކާއި ރެސްޓޯރެންޓްތަކުގައި ވީހާވެސް މަދު މީހުންގެ ކޮންޓެކްޓާއެކު ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެކަމަށް ޕެނަސޮނިކުން މަޢުލޫމާތުދެއެވެ. އެގޮތުން އޮންލައިންކޮށް އޯޑަރ ދިނުމަށްފަހު މި ލޮކްތަކުގައި ޕްރޮޑަކްޓްތައް ރައްކާތެރިކަމާއެކު ބެހެއްޓެއެވެ. މި ލޮކާގައި ކަސްޓަމަރުންގެ ޕްރޮޑަކްޓްއަށް އެންމެ އެކަށޭނަ ފިނިހޫނުމިނެއްގައި ބެހެއްޓުމުގެ ޤާބިލުކަން ހުރުމުން ޕްރޮޑަކްޓްތަކުގެ ކޮލިޓީވެސް ދަށްނުވެ ހިފެހެއްޓޭނެކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ސެންޓް ފުޅި

މި ކޮންސިއުމާ ޝޯވގައި ގިނަ އުފެއްދުންތަކެއް ކޯވިޑާއި ގުޅުވާލާފައި ހުރިނަމަވެސް، ޒަމާނީ ޓެކްނޮލޮޖީގެ އައު މިނޫންވެސް އީޖާދުތައް ވަނީ ދައްކާލާފައެވެ. އެގޮތުން އެމެރިކާގައި ހިންގާ ސްލޮވޭނިއާގެ ނީނޫ ޕަރފިއުމްއިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ސެންޓް ފުޅިއެއް ތަޢާރަފްކޮށްފައެވެ.

މި ސެންޓް ފުޅިން މީހާގެ ޖިންސާއި، ބޮޑީ ކެމިސްޓްރީ މޫޑް އަދި ކުރާ ހަރަކާތަށް ބަލާ ސެންޓް ފުޅީގެ ވަސް ބަދަލުކޮށްލެވެއެވެ. ސްމާޓް ފޯން އެޕްއެއް ބޭނުންކޮށްގެން ހުރިހާކަމެއް އޮޕަރޭޓްކޮށްލެވޭއިރު، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސެންޓްގެ ފޯމިއުލޭޝަންއަށް ބަދަލުގެނެސް އަހަރުގެ އެކި ދުވަސްތަކާއި ފިނިހޫނުމިނަށް ބަލާ ސެންޓްގެ ވަހަށްވެސް ބަދަލުގެނެވެއެވެ.