ޚަބަރު

މާޅޮހުގައި ފެންހިންދުމުގެ މަސައްކަތް ފަށައިފި


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބ.މާޅޮހުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތް ފަށައިފިއެވެ.

މާޅޮހު ކައުންސިލާ ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން ދަނީ ކުރަމުންނެވެ. މިހާތަނަށް ފެންބޮޑު ނުވާވަރަށް އެރަށުގައި ފެންބޮޑުވެފައިވާއިރު، ބައެއް ގެތަކަށްވެސް ފެންވަދެފައިވާކަމަށް މައުލޫމާތުލިބެއެވެ.

ފެން ހިއްކުމުގެ މަސައްކަތުގައި ބ.އޭދަފުށީ ޕޮލިސްޓޭޝަންގެ ފުލުހުންނާ ބ.އަތޮޅު ކައުންސިލް މުވައްޒަފުންނާއި އެމްއެންޑީއެފް ނޯދަން އޭރިޔާގައި މަސައްކަތްކުރާ ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ.

މިވއްސާރައާ ގުޅިގެން މިއަދު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުންވެސް ވަނީ ނުބާއްވާ ގޮތަށް ހަމަޖައްސާފައެވެ.

މާޅޮހުގެ އިތުރުން ބ.އޭދަފުށީގެ ބައެއް ސަރަހައްދު ތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް ގެއްލުމެއް ލިބިފައެއްނުވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެތެރޭ އެންމެ ގިނަ ޢަދަދަކަށް ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެގޮތުން ބ. ދަރަވަންދޫއަށް ވަނީ 88.0 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 7:00އިން ފެށިގެން މެނދުރު 12:00އާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލަރޓު ނެރެފައެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށެވެ. އެގޮތުން މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ވިދާޅުވީ ދެކުނު އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާކަމަށެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅިގެން ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.