އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ލޮސް އެންޖަލިސް ލޭކަރސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރިމެޗް ރަށުން ބޭރުގައި ލޭކަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ލޭކަރސް ކާމިޔާބުކުރީ 120 ޕޮއިންޓް 102 ޕޮއިންޓުންނެވެ.
މިމެޗްގައި ލޭކަރސްގެ އެންތަނީ ޑޭވިސްވަނީ 27 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ. މިފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ލޭކަރސްވަނީ ރަށުން ބޭރުގައި އެޓީމް މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗް ތަކަށް ބަލާލާއިރު ލޮސް އެންޖަލިސް ކްލިޕަރސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރިމެޗް 130 ޕޮއިންޓް 127 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. މިމެޗްގައި ކްލިޕަރސްގެ ލިއޮނާޑްވަނީ އޭނާގެ ކެރިއަރގައި ދިހަ ހާސް ޕޮއިންޓް މިމެޗްގައި ހަމަކޮށްފައެވެ. ޑެންވަރ ނަގެޓްސް އާއި ނިއުޔޯކް ނިކްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 89 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 105 ޕޮއިންޓުން ކާމިޔާބުކުރީ ވޮރިއަރސްއެވެ. މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ބްރޫކްލީން ނެޓްސް ބައްދަލުކުރިމެޗް 129 ޕޮއިންޓް 116 ޕޮއިންޓުން ތަންޑަރ ކާމިޔާބުކުރިއިރު ޔޫޓާ ޖޭޒް ވަނީ ޑެޓްރޮއިޑް ޕިސްޓަންއާ ބައްދަލުކުރިމެޗް 98 ޕޮއިންޓް 86 ޕޮއިންޓުން ކާމިޔާބުކޮށްފައެވެ.