ޚަބަރު

އެގްރޯއަށް ދޮންކެޔޮ ވިއްކާނެ ބަޔަކު ހޯދަނީ


އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ދޮންކެޔޮ ގަންނަން ބޭނުންވެ އެކަމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެގްރޯ ނެޓުން ބުނީ އެ ކޯޕަރޭޝަނަށް ގަންނަން ބޭނުންވަނީ ބޮންތި ރަތްކެޔޮ ކަމަށާއި އެކަމަށް އެދޭ ހުރިހާ ދިވެހި ދަނޑުވެރިންނަށް އެފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި މިކަމަށް އެދޭ ދަނޑުވެރިން މިމަހުގެ 20 ވަނަދުވަހުގެ ކުރިން ރަޖިސްޓްރީކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ދޮންކެޔޮ ވިއްކުމަށް ރަޖިސްޓްރީވުމަށް އެދޭ ދަނޑުވެރިން އެ ކޯޕަރޭޝަންގެ ވެންޑަރ ރަޖިސްޓްރްރޭޝަން ފޯމް ފުރިހަމަ ކޮށް [email protected] އީމެއިލް ކުރުމަށް ރަޖިސްޓްރީވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަކީ ދިވެހި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުގެ ހިއްސާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނި މެދުވެރިކޮށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ހަމައަގުގައި ގަނެ އެތަކެތި މާކެޓްކޮށް ވިއްކުމާއި ސަޕްލައި ޗެއިން ތަރައްޤީކުރުމަށް މަސައްކަތްކުރާނެކަމަށް އެ ކުންފުނި ބުނެއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ 44 ރަށަކާއެކު އެއްބަސްވުންތަކެއް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް ގަތުމުގެ މަސައްކަތް އެގްރޯ ނެޓުން އަންނަނީ ކުރަމުންނެވެ. އަދި ރަމަޟާންމަހަށް ދަނޑުވެރިން އުފައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ރަށު ކައުންސިލްތަކާއި ގުޅިގެން ގަތުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.