ޚަބަރު

ވަރު އައިލެންޑް ރިސޯޓްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް


މާލެ އަތޮޅު ވަރު އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ރޭ 2:48 އެހާކަންހާއިރު ލިބުމުން ފަޔަރ އެންޑް ރެސްކިއު ޓީމުގެ ލޯންޗު އެރަށަށް ދަތުރު ފެށިކަމަށެވެ. އަދި އެޓީމަށް އެރަށް ދެވިފައިވަނީ ފަތިހު 4:33 އެހާކަންހާއިރުކަމަށާއި ރޯވެފައިވާ އަލިފާނގަޑު އެއްކޮށް ނިންވާލެވުނީ 05:39 އެހާކަންހާއިރުކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަލިފާންގަނޑު ނިއްވާލުމުގައި ރީތިރަށް ރިށޯޓްގެ އެހީތެރިކަން ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަލިފާން ރޯވެފައިވަނީ އެ ރަށުގައި ރާ ރައްކާކުރާ ގުދަނުގެ ފުރާޅުގައިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި އަލިފާނުގެ ހާދިސާގައި އެ ރިސޯޓްގެ ވަޑާންގެ ވަނީ އަނދާ ހުލިވެފައެވެ. އަދި އެތަނާ އިންވެގެން ހުރި ސްޓާފް ކުއަޓާޒުގައިވެސް ހުޅު ހިފާ އެތަންވެސް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެ ސަރަހައްދުގައި އިތުރު 3 ގުދަނެއް ހުރިނަމަވެސް އެތަންތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިދިޔަ މަހުގެ ތެރޭގައިވެސް ހަތަރު ރިސޯޓެއްގައި ވަނީ އަލިފާނުގެ ހާދިސާތައް ހިނގާ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިދިޔަ މަހުގެ 5 ވަނަދުވަހު އޮޅުވެލި ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށުގެ ދެ ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. އަދި ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. އަދި އަހަރު ނިމެންމުންދަނިކޮށް ޑިސެމްބަރުމަހުގެ 29 ވަނަދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގެ އިންޖީނުގެ ވަނީ ހަލާކުވެފައެވެ.