ޚަބަރު

އޮޅުވެލި ރިސޯޓްގައިވެސް ކްލަސްޓާ އެއް ، މިހާތަަނަށް 24 މީހުން


މާލެ އަތޮޅު އޮޅުވެލި ރިސޯޓުން 20 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. އެޗްއީއޯސީން ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 20 މީހުންނަކީ އޮޅުވެލި ރިސޯޓަށް ނިސްބަތްވާ ކޭސްތައްކަމަށެވެ.

ސަން ސިޔާމްގެ އޮޅުވެލި ރިސޯޓުން މި ބައްޔަށް ޕޮޒިޓިވް އެންމެނަކީވެސް އެތަނުގެ މުވައްޒަފުންނެވެ. އެ ރިސޯޓުން މިހާތަނަށް 24 މީހަކަށް ބަލިޖެހިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްއީއޯސީން ވިދާޅުވީ އެ ރިސޯޓުން އިތުރު ޓެސްޓްތަކެއް ހެދީ 3 މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި އެމީހުންނާ ދިމާވި އިތުރު މީހަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިހާތަނަށް އެ ރިސޯޓުން 167 ރެންޑަމް ސާމްޕަލް ނަގާފައިވާކަމަށާއި 23 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަލަށް ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ހާމަކުރެވިގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި ހަޔަކުން ހޯމަދުވަހުގެ އިރުއޮއްސުމާއި ހަމައަށް ރާއްޖޭގެ ރިސޯޓުތަކުން 28 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.