ޚަބަރު

އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދުގެ ތައުޒިޔާ


އިންޑޮނޭޝިއާގެ ޖަކާޓާއިން ފުރިތާ މާގިނަ އިރުތަކެއްނުވެ މަތިންދާ ބޯޓެއް ވެއްޓި 60އަށްވުރެ ގިނަ މީހުން މަރުވި ހާދިސާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރަށް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގައިދިޔަ މިޙާދިސާއާ ގުޅިގެން އިންޑޮނޭޝިޔާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީއަށް މިނިސްޓަރ ޝާހިދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މިޚަބަރު އައްސަވާފައިވަނީ ފުން ހިތާމަޔާއެކުކަމަށެވެ.

އިންޑޮނޭޝިއާގެ ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި އެޤައުމުގެ ސަރުކާރާއި، ރައްޔިތުންނާ އަދި މިޙާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވާކަމަށް މިނިސްޓަރގެ ޝާހިދުގެ މެސެޖްގައި ވެއެވެ.