ދުނިޔޭގެ ވިޔަފާރި

އެޕަލްއިން އިލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރިއަށް ނިކުންނީ


މަޝްހޫރު ސްމާޓް ގެޖެޓް އުފައްދާ ކުންފުނި އެޕަލްއިން އެލެކްޓްރިކް ކާރު އުފެއްދުމުގެ ވިޔަފާރިއަށް ނިކުންނަން ނިންމައިފިއެވެ.

އެޕަލްއިން ބުނީ އެ ކުންފުނިން ކާރު އުފެއްދުމުގެ ވިޔަފާރިއަށް ނިކުތުމަށްޓަކައި މިހާރުވެސް ކާރު އުފެއްދުމުގައި މަޤުބޫލުކަން ހޯދާފައިވާ ހިޔުންޑައި މޯޓާސްއާއެކު މިއަހަރުގެ މާރޗްމަހު އެއްބަސްވުމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެޕަލްއާއި ހިޔުންޑައިގެ ކާރުޚާނާތައް 2024 ވަނަ އަހަރު އެމެރިކާގައި ޤައިމުކޮށް ކާރު އުފެއްދުމުގެ މަސައްކަތް އަމަލީގޮތުން ފަށާނެކަމަށް އެޕަލްއިން ހާމަކުރެއެވެ. ހިޔުންޑައި މޯޓާސްއިން ވަނީ 2027 ވަނަ އަހަރުގައި އެ ކުންފުނިން އެޕަލްއާއި ގުޅިގެން ޑްރައިވަރަކާއި ނުލާ ދުއްވޭ "ސެލްފް ޑްރައިވިންގް" އިލެކްޓްރިކް ކާރު އުފައްދަން ފަށާފައިވާކަން ހާމަކޮށްފައެވެ.

އެޕަލްއާއި ހިޔުންޑައިގެ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު، ރޮއިޓާސްއިން ވަނީ އެ ނޫހަށް މި އެއްބަސްބުމާއި ގުޅޭގޮތުން ލިބިފައިވާ ބައެއް މަޢުލޫމާތު އާންމުކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރު އުފައްދާ ޕްލާންޓުން އެއްފަހަރާ ސަތޭކަ ހާސް ކާރު އުފެއްދޭއިރު އަހަރެއްގެ މައްޗަށް ހަތަރު ސަތޭކަ ހާސް ކާރު އުފެއްދޭނެކަމަށް ވަނީ ހާމަކޮށްފައެވެ.

އެޕަލްއާއި ހިޔުންޑައިގެ މި ގުޅުމާއެކު ދެ ކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް އަރާފައެވެ. އެގޮތުން ހިޔުންޑައިގެ ހިއްސާގެ އަގު 20 އިންސައްތަ މައްޗަށް އަރާފައިވާއިރު، އެޕަލްގެ ހިއްސާވަނީ 26 އިންސައްތަ މައްޗަށް ގޮސްފައެވެ.