3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ސައުދީ އަރަބިއްޔާއާއި ޤަތަރާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
ސިޔާސީ ޚިޔާލު ތަފާތުވުމުގައި ސައުދީގެ ބޯޑަރުތައް ޤަތަރަށް ބަންދުކޮށްފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.
ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުން ވަނީ 2017 ވަނަ އަހަރުގެ ޖޫންމަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ޤަތަރުން ދޮގުކޮށްފައެވެ.
ސައުދީގައި އެންމެ ފަހުން ބޭއްވި ޖީސީސީގެ ސަމިޓްގައި މި މައްސަލަ ހައްލުކުރުމަށް ގުޅުން ގޯސްވެފައިވާ ޤައުމުތަކާއި ޤަތަރާއި ދެމެދު ވަނީ "ރީކޮންސިލިއޭޝަން" ނުވަތަ ގުޅުން އަލުން ގުޅުން ޤާއިމުކުރުމުގެ މުއާހަދާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ކުރިން މިހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސައުދީން ވަނީ ޤަތަރާއިއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން އަލުން ޤާއިމުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރު މިވަނީ 3 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ސައުދީ އަރަބިއްޔާއާއި ޤަތަރާއި ދެމެދު ސީދާ ދަތުރުތައް ފަށާފައެވެ. މި އެއްބަސްވުމުގެ ދަށުން ޖަނަވަރީ 11 ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއަން އެއަރލައިންސްއިން އެގައުމުގެ ވެރިރަށް ރިޔާޟުން ދޯހާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ޤަތަރު އެއަރވޭސް އިން މީގެ ކުރިން ދަތުރުކުރި ސައުދީގެ ހުރިހާ މަންޒިލަކަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޖިއްދާއަށް ހަފުތާއަކު 4 ފްލައިޓް ބާއްވާއިރު، ހައްމާމް އަދި ރިޔާޟްއަށް ދުވާލަކު ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސައުދީ އަރަބިއަން އެއަރލައިންސްއިން ރިޔާޟުން ދޯހާއަށް ހަފްތާއަކު ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޤަތަރު އެއަރވޭސްއިން ކުރި ޓުވީޓެއްގައި ވަނީ އެ އެއަރލައިނުން ސައުދީ އަރަބިއްޔާއަށް ސީދާ ދަތުރުތައް ފަށާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ސައުދީއަކީ ޤަތަރު އެއަރވޭސްއަށް ޑިމާންޑް ބޮޑު މަންޒިލެއްކަމުން މި ދަތުރުތަކުގައި ބޭނުންކުރާނީ އެ ކުންފުނީގ ބޮއިންގް އަދި އެއަރބަސްގެ ވައިޑް ބޮޑީ މަތިންދާ ބޯޓުތައްކަމަށް ޤަތަރު އެއަރވޭސްއިން ހާމަކުރެއެވެ.
ސައުދީ އަރަބިއްޔާއާއި ޤަތަރާއި ދެމެދު ވައިގެ ދަތުރުތައް ފަށާފައިވާއިރު، ގަލްފުގެ ޤައުމުތަކާއި ޤަތަރާއި ދެމެދު މި ހަފްތާގެ ތެރޭގައި ރަސްމީކޮށް ވިޔަފާރި ފަށަން ނިންމާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޔޫއޭއީން އެ ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދީ ރޮނގުތައް ޖަނަވަރީ މަހުގެ 9ވަނަ ދުވަހުގައި ޤަތަރަށް ވަނީ ހުޅުވާލާފައެވެ.