ކުޅިވަރު

އިންޓަރ މިލާނާއި ރޯމާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ


އިޓާލިއަން ސެރީއާގައި އިންޓަރ މިލާނާއި އޭއެސް ރޯމާ ބާއްދަލުކުރި މެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.

ރޯމާގެ ދަނޑުގައި ރޭ ކުޅުނު މިމެޗް އެއްވަރުވީ 2 ލަނޑު 2 ލަނޑުންނެވެ. ޕޮއިންޓް ތާވަލްގެ ދެވަނަ އާއި ތިންވަނައިގައި އޮތް މިދެޓީމްގެ ކުރިމަތިލުން ވެގެންދިޔައީ ދެޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗަކަށެޗެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗްގެ 17 ވަނަ މިނެޓްގައި ލޮރެންޒޯ ޕެލެގްރީނީ ޖަހައިދިން ލަނޑުން ރޯމާއެވެ. ނަމަވެސް އިންޓަރ އިން ވަނީ މެޗްގެ 56 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ މިލާން ސްކުރިނިއަރއެވެ. އަދި އޭގެ ހަތް މިނެޓް ފަހު އިންޓަރގެ އަޝްރަފް ހަކީމީ ޖަހައިދިން ލަނޑުން އެޓީމް މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މެޗްގައި ރޯމާއިން އެއްވަރު ކުރި ލަނޑު މެޗް ނިމެން 4 މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޖިއާންލުކާ މަންޗީނީއެވެ.

މިމެޗް އެއްވަރު ވުމުން އިންޓަރ މިލާނަށް ޕޮއިންޓް ތާވަލްގެ އެެއްވަނައިގައި އޮތް އޭސީ މިލާނާއި ދެމެދުގައިވާ ފަރަގު އެއްޕޮއިންޓަށް ކުޑަކުރުމަށް ލިބުނު ފުރުސަތު މިވަނީ ގެންލިފައެވެ. މިގޮތުން މިލާނަށް މިހާރު ޕޮއިންޓް ތާވަލްގައި ތިން ޕޮއިންޓްގެ ލީޑެއްވަނީ ލިބިފައެވެ. ހަމައެއާއެކު ރޯމާއަށް އިންޓަރ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކުރުމަށް ލިބުނު ފުރުސަތުވެސް މިނަތީޖާގެ ސަބަބުން މިވަނީ ގެއްލިފައެވެ.

މިމުބާރާތުގައި ނަޕޯލީ އާއި އުދިނޭސީ ބައްދަލުކުރިމެޗް 2 ލަނޑު 1 ލަނޑުން ނަޕޯލީ ކާމިޔާބުކޮށްފައިވާއިރު ލާޒިއޯ އާއި ޕާރމާ ބައްދަލު ކުރި މެޗް 2 ލަނޑު ސުން ލަނޑުން ލާޒިއޯވަނީ ކާމިޔާބުކޮށްފައެވެ.