ކުޅިވަރު

ޔުވެންޓާސް އާއި ސަސޮއުލޯ ބައްދަލުކުރިމެޗް ޔުވެންޓާސް ކާމިޔާބުކޮށްފި


އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓާސް އާއި ސަސޮއުލޯ ބައްދަލުކުރިމެޗު ޔުވެންޓާސް ކާމިޔާބުކޮށްފިއެވެ. ޔުވެންޓާސްގެ ދަނޑުގައި ކުޅުނު މިމެޗް ޔޫވޭ ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ދެވަނަ ހާފް ސަސޮއުލޯ ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. އެއީ ފުރަތަމަ ހާފް ނިމެނިކޮށް އެޓީމްގެ ޕެޑްރޯ އޮބިއާން ޔުވެންޓާސްގެ ފެޑެރީކޯ ކިއޭސަރއަށް ނުރައްކާތެރި ފައުލެއް ކުރުމުގެ ސަބަބުން ސީދާ ރަތްކާޑެއް ދައްކާފައި ވުމުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 50 މިނެޓްގައި ޖަހައިދިނީ ޔުވެސްޓާސްގެ ޑެނީލޯއެވެ. ނަމަވެސް އޭގެ 8 މިނެޓް ފަހުން ސައޮއުލޯގެ ގްރެގޯ ޑްރެފެލް ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި ދެވަނަ ފަހަރަށް ޔޫވެންޓާސް އަށް ލީޑު ނަގައިދިނީ މެޗްގެ 82 ވަނަ މިނެޓްގައި އާރޮން ރަމްސީ ޖަހާދިން ލަނޑުންނެވެ. އަދި އެޓީމްގެ ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މިކާމިޔާބީއާއެކު ޔުވެންޓާސް މިހާރުވަނީ ޕޮއިންޓް ތާވަލްގެ 4 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތް އޭއެސް ރޯމާ އާ އެއް ޕޮއިންޓަށް ގާތްކޮށްފައެވެ. ނަމަވެސް ރޯމާވަނީ ޔޫވޭއަށްވުރެ އެއްމެޗް އިތުރަށް ކުޅެފައެވެ.