ކުޅިވަރު

ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ފުރަތަމަ ޓެސްޓް މެޗްގައި މުއީން އަލީއަށް ނުކުޅެވޭނެ


ސްރީލަންކާ އާއި އިންގްލަންޑާއި ދެމެދު ކުޅުމަށް ހަމަޖެހިފައި ޓެސްޓް ދެމެޗުގެ ތެރެއިން ފުރަތަމަ މެޗްގައި އިންގްލަންޑްގެ އޯލް ރައުންޑަރ މުއީން އަލީއަށް ނުކުޅެވޭނެކަން އެޓީމްގެ ކޯޗް ކްރިސް ސިލްވަރވުޑް ހާމަކޮށްފިއެވެ.

މުއީންވަނީ ޓެސްޓް މެޗްތަށް ކުޅުމަށްޓަކައި 4 ޖެނުއަރީގައި ސްރީލަންކާއަށް އިންގްލަންޑް ޓީމް ދަތުރުކުރި ދުވަހު އެއަރޕޯޓްގައި ކުރި ޓެސްޓްގައި ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވެފައެވެ. ސިލްވަރވުޑް ހާމަކުރިގޮތުގައި މުއީން އަދިވެސް ހުރީ އެކަހެރި ކުރެވިފައި ކަމަށާއި އެހެން ކަމުން މިއަންނަ ބުރާސްފަތި ދުވަހު ފަށާ ފުރަތަމަ މެޗްގައި އޭނާ ނުފެންނާނެ ކަމަށެވެ. އަދި މުއީންއާ ކޮންޓެކްޓް ވެފައިވުމުގެ ސަބަބުން އެކަހެރި ކުރެވުނު ކްރިސް ވޯކްސް ޓީމާއި މިހާރު ގުޅިފައިވީ ނަމަވެސް މެޗަށް ފުރިހަމައަށް ފިޓްވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އިންގްލަންޑްގެ ކޯޗު ހާމަކުރިއެވެ.

އިންގްލަންޑްއިން ވަނީ ކޮރޯނާ ވައިރަސް ޖެހިދާނެ ކަމަށްޓަކައި އިތުރު ކުޅުންތެރިން ޓީމްގައި ހިމަނާފައެވެ. މިގޮތުން މުއީންގެ ބަދަލުގައި ފުރަތަމަ މެޗްގައި އޮފް ސްޕިނަރ ޑޮމް ބެސް ނުވަތަ ސްލޯ ލެފްޓް އާމަރ ޖެކް ލީޗް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެއެވެ.