ކުޅިވަރު

އެފްއޭ ކަޕްގެ 4ވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފި


އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީ އާއި ލީގު ޓޫއަށް ނިސްބަތްވާ މޯކަމްބް ބައްދަލުކުރިމެޗް ފަސޭހަ ކަމާއެކު ޗެލްސީ ކާމިޔާބުކޮށްފިއެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ޓީމް ކަމަށްވާ ޗެލްސީ މިމެޗް ކާމިޔާބުކުރީ 4 ލަނޑު ސުންލަނޑުންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައިދިނީ އިއްޔެ އޭނާގެ 22 ވަނަ އުފަންދުވަސް ފާހަގަ ކުރަމުންދިޔަ މޭސަން މައުންޓްއެވެ. އަދި ޗެލްސީގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޖަރުމަނުވިލާތުގެ ފޯވަޑް ޓީމޯ ވާނާއެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހަށް ފަހު ވާނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ. ދެވަނަ ހާފް ފެށިތާ ހަތަރު ވަނަ މިނެޓްގައި އެޓީމްގެ ތިންވަނަ ލަނޑު ޖަހައިދިނީ ކެލުމް ހަޑްސަން އޮޑޯއިއެވެ. އަދި ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހަދިނީ ކައި ހަވާރޓްސްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ފްރޭންކް ލެމްޕާޑްވަނީ މިމެޗްގައި ގިނަ ދުވަސް ތަކަކަށްފަހު ވަރނަރ ލަނޑު ޖަހާފައިވުމުން އެކަމާ ހިންހަމަ ޖެހޭކަން ހާމަކޮށްފައެވެ. އަދި އިންގްލިޝް ޕްރިމިއަރ ލީގަށް ހޭނެން އެހެން ބައެއް މޮޅެތި ކުޅުންތެރިންނަށްވެސް ވަގުތު ނަގާފައި އެބަހުރިކަންވެސް އޭނާ ފާހަގަކުރިއެވެ.

މިކާމިޔާބީއާއެކު ޗެލްސީ މިހާރު ވަނީ މިމުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަހޯދާފައެވެ.