ކުޅިވަރު

ވެލެންސިޔާއިން އެހެން ޓީމްތަކުގެ ގޭންމް ޕެލޭނަށް ހޭނެންޖެހޭ - އާތީ


ޓީމްތައް ވެެލެންސިޔާއާ ދެކޮޅަށް ކުޅޭ ގޮތަށް ވެލެންސިޔާއިންވެސް ތައްޔާރުވާންޖެހޭކަމަށް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ކުލަބް ވެލެންސިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރި މެޗް ނިމުނީ އެކެއް އެކަކުން ދެ ޓީމު އެއްވަރުވެގެންނެވެ. 3 ޕޮއިންޓް ހޯދަން ނިކުތް މެޗުން 1 ޕޮއިންޓް ލިބުމުން ހިންހަމަނުޖެހޭކަމަށާއި ނަމަވެސް މެޗުން ބަލިނުވެ ނިންމާލެވުމުން އުފާކުރާކަމަށް އާތީ ބުންޏެވެ. މިމެޗުގައި ކުލަބް ވެލެންސިޔާއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުވެސް ލިބިގެންދިޔަކަމަށާއި ކުރިއަށް ހުރި މެޗްތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަންޖެހޭކަމަށް ކޯޗް އާތީ ބުންޏެވެ. އަދި ކުލަބް ވެލެންސިޔާއިން ލަނޑެއް ޖަހާ މެޗްގައި ލީޑް ނަގާފައިވަނިކޮށް، ފަހަތުން އަރާ ޓީސީއިން އެއްވަރު ކުރެވުނީ ކުޅުންތެެރިންގެ ސަމާލުކަން ގެއްލުމުންކަމަށްވެސް ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ. އަދި ޓީމްތަކުން ވެލެންސިޔާއާއި އިދިކޮޅަށް ނިކުމެ ކުޅޭ ގޭމަށް ވެލެންސިޔާއިންވެސް ތައްޔާރުވާންޖެހޭކަމަށް އާތީ ފާހަގަކުރިއެވެ.

"މީގައި މެޗްތައް ކުޅޭއިރުގައި އެއްޓީމު ލަނޑެއް ޖަހާފައި އޮއްވާ އަނެއް ޓީމު ލަނޑު ޖަހާނީ. މިއީ ފުޓްބޯޅައިގައި ވެދާނެ ކަންތައްތައް މިހުންނަނީ. ކޮންމެ ގޮތެއް ވިއަސް މާޔޫސްވާނެ ގޯލެއް ޖަހާފައި އޮއްވާ ފަހަތުން އަރާ އިދިކޮޅު ޓީމުން ލަނޑު ޖެހުމުން. މިކަމަކީ ކުޅުންތެރިންގެ ބޮލުގައި އަދި ރެފްރީންގެ ބޮލުގައި ކަންތައްތައް އެޅުވުމުގެ ބަދަލުގައި ޓީމުން ދަސްކުރަން އެބަޖެހޭ ލީޑްގައި އޮވެގެން މެޗް ނިންމާލަން. ޓީސީ މެޗަށް ތައްޔާރުވި ގޮތަށްވުރެއް ތަފާތުކޮށް އެޓީމުން ކުޅެފައިވަނީ. ފަހަތަށް ޖެހިގެން ގެޕްތައް ކުޑަކޮށްގެން، އެހެންވީމަ ތުރޫ ޕާސްތައްވެސް ޖަހަންވަރަށް އުދަގޫވެގެންދިޔަ. ޓީސީއިން ވަރަށް މަސައްކަތްކޮށްފި ވެލެންސިޔާ ހިފަހައްޓަން. އަޅުގަނޑުމެންވެސް ތައްޔާރުވިން މިގޮތަށް ޓީސީއާއި ދެކޮޅަށް ކުޅުމަށް. ނަމަވެސް އެކަން މެޗްގައި އެހާބޮޑަށް ފެނިގެން ނުދިޔަ. މިއީ އޯވަރ ނައިޓަކުން ބަދަލްވާނެކަންތައްތަކެއް ނޫން، އެހެން ޓީމްތަކުންވެސް މިގޮތަށް ކުޅޭނަމަ، ވަރަށް ފަސޭހަވެގެންދާނެ." ކުލަބް ވެލެންސިޔާގެ ކޯޗް މުހައްމަދު އާތިފް ބުންޏެވެ.

މެޗަށް ނިކުތުމުގެ ކުރިންވެސް ބުނިހެން ކުލަބް ވެލެންސިޔާއަކީ ވަރުގަދަ ޓީމެއްކަމަށާއި ވެލެންސިޔާއާއި ދެކޮޅަށް ކުޅެ މެޗް އެއްވަރުކޮށްލުމަކީވެސް ޓީސީއަށް ލިބުނު ކާމިޔާބީއެއްކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ. ލީގްގެ އެންމެ ފުރަތަމަ މެޗަށް ތައްޔާރުވުމަށް އުދަގޫތަކެއް ހުރިކަމަށާއި ނަމަވެސް ކުލަބް ވެލެންސިޔާ ލީގުގައި މެޗުތަކެއް ކުޅެފައި ހުރުމުން ވެލެންސިޔާ މެޗަށް ތައްޔާރުވުމަށް ވަގުތު ލިބިގެންދިޔަކަމަށް ޝާޒްލީ ބުނެފިއެވެ.

"މެޗަށް ނިކުތުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނިން ވެލެންސިޔާ ހިފަހައްޓާނެ ގޮތަކާއި ދޭތެރޭގައި. މީގައި ވެލެންސިޔާ ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫން. ވެލެންސިޔާ ހިފަހައްޓާ ކޮންމެ ވަގުތަކީ ޓީސީއަށް ލިބޭ ހިތްވަރެއް. އެކަން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އެބައެގޭ. އަސްލުގައި މިމެޗްގެ ޓާގެޓަކީ ވެލެންސިޔާ ހިފަހައްޓާ އެއް ޕޮއިންޓް ނެގުންކަމަށްވިއަސް، ހުރިހާ ކުޅުންތެރިންނަށްވެސް އެނގޭ މެޗުން 3 ޕޮއިންޓް ހޯދުމުގެ ފުރުސަތު އޮތްކަން. ވެލެންސިޔާ މޮޅުވިޔަނުދީ ހިފެހެއްޓޭ ކޮންމެ ވަގުތަކީ އެޓީމަށް ކުރިމަތިވާނެ ޕްރެޝަރެއް. ވެލެންސިޔާއިން ކުރިން ގޯލް ޖެހިނަމަވެސް މިއަދު މެޗުން އެންމެ ބޮޑަށް ފެނިގެންދިޔައީ ވެލެންސިޔާއާއި ދެކޮޅަށް ޓީސީއަށްވެސް ކުޅެވޭކަން. މިހާރު ވަރަށް ބޮޑަށް އެނގޭ ޓީސީ ކުޅުންތެރިންގެ ހިއްވަރު ހުރިގޮތުން މެޗުގެ ފަހު 20 މިނެޓަށް ދާއިރު ޓީސީގެ ކުޅުންތެރިންގެ ކުޅުން ރަގަނޅުވާނެ." ޓީސީ ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާޒްލީ ބުންޏެވެ.