ދުނިޔޭގެ ވިޔަފާރި

ގަލްފުގެ ޤައުމުތަކާއި ޤަތަރާ ދެމެދު މިހަފްތާ ތެރޭގައި ރަސްމީކޮށް ވިޔަފާރި ފަށަނީ


ގަލްފުގެ ޤައުމުތަކާއި ޤަތަރާއި ދެމެދު މި ހަފްތާގެ ތެރޭގައި ރަސްމީކޮށް ވިޔަފާރި ފަށަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

ނިރުބަވެރި ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުލުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުން ވަނީ 2017 ވަނަ އަހަރުގެ ޖޫންމަހު ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެ ޤައުމުތަކާއި ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް އެ ތުހުމަތުތައް ޤަތަރުން ދޮގުކޮށްފައެވެ.

ސައުދީގައި އެންމެ ފަހުން ބޭއްވި ޖީސީސީގެ ސަމިޓްގައި މި މައްސަލަ ހައްލުކުރުމަށް ގުޅުން ގޯސްވެފައިވާ ޤައުމުތަކާއި ޤަތަރާއި ދެމެދު ވަނީ "ރީކޮންސިލިއޭޝަން" ނުވަތަ ގުޅުން އަލުން ޤާއިމުކުރުމުގެ މުއާހަދާއެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ކުރިން މިހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ސައުދީން ވަނީ ޤަތަރާއިއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުން އަލުން ޤާއިމުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މިފަދަ އެއްބަސްވުންތަކަކަށް އައިސްފައި ވީނަމަވެސް، މިކަމުގެ އަމަލީ ސިފައެއް ނުފެނުމުން އެކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޤަތަރުގެ އޮފިޝަލަކު ވަނީ ގަލްފުގެ ޤައުމުތަކާއި ޤަތަރާއި ދެމެދު މި ހަފްތާގެ ތެރޭގައި ރަސްމީކޮށް ވިޔަފާރި ފަށަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

މި މަސައްކަތަށް ގިނަ ދުވަސް ނަގަނީ ތިން އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ދެ ފަރާތުގެ ގުޅުން ކެނޑިފައި އޮތުމުން އެގުޅުން އަލުން ޤާއިމުކޮށް ވިޔަފާރީގެ ޔަޤީންކަން ހޯދުމަށްކަމަށެވެ. އެހެންނަމަވެސް، މި ބަދަލާއެކު މެދުއިރުމަތީގައި އުފެދިފައިވާ އެކި މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.