ވިޔަފާރި

17 ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓެއް މިމަސް ނިމުމުގެ ކުރިން ހުޅުވޭނެ


ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރެއިން 17 ރިސޯޓެއް ފިޔަވައި ދެން ހުރި ހުރިހާ ރިސޯޓެއް މިމަސް ނިމުމުގެ ކުރިން އަލުން އޮޕަރޭޝަންއަށް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ރިސޯޓްތައް އަލުން ހުޅުވައި، ޙިދުމަތް ދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދޫކުރިތާ ގާތްގަނޑަކަށް 6 މަސްދުވަސް ވެފައިވާއިރު މިހާތަނަށް 139 ރިސޯޓެއް ވަނީ ހުޅުވާފައެވެ.

މިނިސްޓްރީ އޮފް ޓޫއަރިޒަމްއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަސް ނިމުމުގެ ކުރިން އިތުރު 2 ރިސޯޓެއް އަލުން ހުޅުވާނެއެވެ. އެހެންކަމުން މިމަސް ނިމޭއިރު ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރެއިން ޖުމްލަ 141 ރިސޯޓެއް އަލުން އޮޕަރޭޝަންއަށް އަންނާނެއެވެ. ޓުއަރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ރިސޯޓްތަކުގެ ޖުމްލަ އަދަދަކީ 158 އެވެ. އެހެންކަމުން މިމަސް ނިމޭއިރު މީގެތެރެއިން 17 ރިސޯޓެއް ފިޔަވައި އެހެން ހުރިހާ ރިސޯޓްތައް އަލުން އޮޕަރޭޝަނަށް އަންނާނެއެވެ.

ފަތުރުވެރިކަން ހުޅުވާލިއިރު ރިސޯޓްތަކުގެ ބުކިން ދަށްވި ނަމަވެސް މިހާރު ގިނަ ރިސޯޓްތައް ވަނީ ފުރިފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންވެސް މެއެވެ. އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 ދުވަސްތެރޭ ރާއްޖެއަށް 20612 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއަހަރުގެ ފުރަތަމަ 7 ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝިޔާއިންނެވެ. އެޤައުމުން ރާއްޖެއަށް 5331 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.