ކުޅިވަރު

އަބޫ ދާބީ އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ކެރޮލީނާ ޕްލިސްކޯވާ ކަޓައިފި


އަބޫ ދާބީ އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި މުބާރާތުގެ ތިންވަނައަށް ސީޑް ކުރެވިފައިވާ ޗެކް ރިޕަބްލިކްގެ ކެރޮލީނާ ޕްލިސްކޯވާ އާއި ރަޝިޔާގެ އަނަސްޓޭޝިއާ ގަސަނޯވާ ބައްދަލުކުރި މެޗް ގަސަނޯވާ ކާމިޔާބުކޮށްފިއެވެ.

ދުނިޔޭގައި 292 ވަނައަށް ރޭންކް ކުރެވިފައިވާ ގަސަނޯވާ މިމެޗް ކާމިޔާބުކޮށް ގިނަ ބަޔަކު ހައިރާން ކޮށްލީ ސީދާ ދެސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ދޭން އަދި ހައެއް ހަތަރަކުން މެޗް ކާމިޔާބުކޮށްގެންނެވެ. މިއީ ދުނިޔޭގައި އެންމެ މޮޅު 100 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްގެ މައްޗަށް ގަސަނޯވާއަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

މިމުބާރާތުގައި އިނގިރޭސިވިލާތުގެ ހެދަރ ވަޓްސަން އާއި ރަޝިޔާގެ އެކަޓެރީނާ އެލެގްޒަންޑްރޯވާ ބައްދަލުކުރިމެޗް 2 ސެޓް އެއް ސެޓުން ކާމިޔާބުކުރީ އެލްގްޒެންޑްރޯވާއެވެ. އެއީ ހަތެއް ފަހެއް، ހައެއް ހަތެއް އަދި ހައެއް ތިނަކުން މެޗް ކާމިޔާބުކޮށްގެންނެވެ.

މިމުބާރާތުގެ ތިންވަނަ ބުރުގައި އެލްގްޒެންޑްރޯވާ ބައްދަލުކުރާނީ މުބާރާތުގެ ދެވަނައަށް ސީޑް ކުރެވިފައިވާ އެލިނާ ސްވިޓޮލީނާއާއެވެ. އަދި ގަސަނޯވާ ބައްދަލުކުރާނީ ސްޕެއިންގެ ސޮރީބޭސް ޓޯމާ އާއެވެ.