ތަޢުލީމު

މިއީ ދަރިވަރުންނަށް އުނގެނުމަށް ލިބިގެންދާ އިތުރު ފުރުޞަތެއް - ރައީސުލްޖުމްހޫރިއްޔާ


ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވިގެންދާއިރު، މިއީ ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ފަހިވެގެންދާނެ އުއްމީދީކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމުގެ ކިޔެވުން ފެށުމާގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ. އެމަނިކުފާނުގެ ޓުވީޓުގައި ސްކޫލްތައް އަލުން ހުޅުވާލުންވެގެންދާނީ ދަރިވަރުންނަށް އެކުދިންގެ ކުރީގެ ރައްޓެހިންނާއި އަލުން ބައްދަލުވެ، އައު ރައްޓެހިންވެސް ހޯދުމަށް ލިބިގެންދާނެ ފުރުޞަތެއްގެގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަރިވަރުންނަށް އުނގެނުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ދަރިވަރުންނާއި، ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.


ރާއްޖޭގެ ސްކޫލުތަކުގައި އަލުން ކިޔެވުން ފެށުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްވެސް ވަނީ ދަރިވަރުންނާއި މުދައްރިސުންނަށް އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް މަރުހަބާ ވިދާޅުވެ ޓުވީޓުކުރައްވާފައެވެ. އެގޮތުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ސްކޫލުތައް އަލުން ހުޅުވާލުންވެގެންދިޔައީ ލިބުނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއްގެގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.


ހުރިހާ ގްރޭޑްތަކެއްގެ ކިޔެވުން އަލުން ރާއްޖޭގެ ސްކޫލުތަކުގައި ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ވަރަށް ދަތި އަހަރެއް ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަ ނުދީ ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކުގެ މުދައްރިސުންނާއި ބެލެނިވެރިން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދަރިވަރުން ސްކޫލަށް އައުމުގެ ފުރުސަތު ނުލިބި ގޭގައި ތިބުމަކީ އެކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމެއްކަމަށެވެ. އެހެންކަމުން ދަރިވަރުން ސްކޫލަށް ފޮނުއްވާދެއްވުމަށް މިނިސްޓަރ ވަނީ ހުރިހާ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ސްކޫލްތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހައްދަވާ ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ދެއްވާފައެވެ.

"ހުރިހާ ކުދިންވެސް ތަންކޮޅެއް ބިރުގަނެފާނެ މިފަހަރު ސްކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމު އަޅުގަނޑު ދަންނަވާނީ ކަންބޮޑުނުވާށޭ، ސްކޫލްތަކުގެ ތައްޔާރީތައް ވެފައި މި އޮތީ ތިކުދިންނަށް ސްކޫލްތަކުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި. އަދި ހަމަ މިގޮތަށް ހުރިހާ ސްކޫލަކީ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން." އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

ސްކޫލްތައް އަލުން ހުޅުވާއިރު ސްކޫލްތަކުގައި ސާފުތާހިރުވުމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަން އެޑިއުކޭޝަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސްކޫލުތައް އަލުން ހުޅުވާލާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާ އެކަމަށް ބޭނުންވާ އުސޫލްތައް އެކުލަވާލާފައެވެ. މިގޮތުން ދަރިވަރުން އެންމެ ގިނަވެގެން ސްކޫލްގައި ހޭދަކުރާނީ 5 ގަޑިއިރެވެ. އަދި އޭގެތެރެއިން އެއްގަޑިއިރު އެކުދިންގެ ހުން ބެލުމާއި އަތް ދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަކަށް ހުސްކުރުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްތަކުންވެސް އެ ސްކޫލެއްގައި އަމަލުކުރާނެ އުސޫލްތައް ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.