ކުޅިވަރު

ފަހަތުން އަރާ މަހިބަދޫގެ މައްޗަށް ވެލެންސިޔާ ކުރި ހޯދައިފި


    މަހިބަދޫއިން ދެލަނޑު ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހައި އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު މޮޅަކާއިއެކު ވެލެންސިޔާ ނިންމާލައިފިއެވެ. މާފަންނު ޓާރފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗް މަހިބަދޫ ސްޕޯޓްސް ކްލަބާއި ވާދަކޮށް ކްލަބް ވެލެންސިޔާ ކާމިޔާބުކުރީ ތިނެއް ދޭކުންނެވެ.މެޗުގެ ފުރަތަމަ ދެ ލަނޑު ޖަހައި ލީޑް ނެގީ މަހިބަދޫއިންނެވެ. މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ބިދޭސީ މިޑްފިލްޑަރ ރޮޑްރިގޭ ޓަހީ އަދި އިއްޒަތު އަބްދުލް ބާރީއެވެ. ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ ތިނެއް ސުމަކަށް ބަދަލުކޮށްލުމަށް މަހިބަދޫއަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ބިދޭސީ ކުޅުންތެރިޔާ ޓާހީ ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ވެލެންސިޔާގެ ގޯލްކީޕަރ އާތިފް އަހުމަދެވެ. ވެލެންސިޔާއިން މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މަޒުހަރު އަބްދުﷲއެވެ. އަދި އެޓީމް މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ކެޕްޓަން އިބްރާހިމް އަބްދުﷲއެވެ. މެޗަށްފަހު ވެލެންސިޔާގެ ކޯޗް މުހައްމަދު އިގްބާލް ބުނީ ފުރަތަމަ ހާފްގައި ވެލެންސިޔާގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި، އެހެންނަމަވެސް ދެވަނަ ހާފްގައި ޓީމަށް ގެނައި ބަދަލްތަކާއިއެކު މުޅި މެޗު ބަދަލްވެގެން ހިނގައްޖެކަމަށެވެ. އަދި ތިން ޕޮއިންޓާއިއެކު ފުރަތަމަ ބުރު ނިންމާލެވުމަކީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް އިގްބާލް ފާހަގަކުރިއެވެ. "ފުރަތަމަ ހާފް ވަރަށް ދަށްކޮށްދިޔައީ، މަސައްކަތު ރޭޓްވެސް ވަރަށް ދަށް، ދެވަނަ ހާފްގައި ގެނައި ޗޭންޖްތަކާއިއެކު ކުޅުން ރަނގަޅުވި، މަސައްކަތު ރޭޓްވެސް ވަރަށް ރަނގަޅުވި، ފުރަތަމަ ބުރު މޮޅަކާއިއެކު ނިންމާލެވުމުން ވަރަށް ހިތްހަމަޖެހޭ" އިގްބާލް ބުންޏެވެ.މަހިބަދޫ ސްޕޯޓްސް ކްލަބްގެ ކޯޗް ސްޓޮއިކޯވް ބުނީ މިއަދުގެ މެޗަކީ ބަލިވެގެންވާނެ މެޗެއް ނޫންކަމަށާއި، ދެ ގޯލްގެ ލީޑެއް ލިބިފައިވަނިކޮށް ޕެނަލްޓީ ބޭކާރުވެ މެޗުން ބަލިވެގެންދިޔުމަކީ ގަބޫލުކުރެވޭކަމެއް ނޫންކަމަށެވެ. މިއަދުގެ މެޗުގައިވެސް ޓީމަށް ދިމާވި މައިގަނޑު މައްސަލައަކީ ބެންޗުގައި އެކަށީގެންވާ ފެންވަރުގެ ކުޅުންތެރިން ނެތުންކަމަށާއި، މެޗުގެ ނަތީޖާ ބަދަލްވަމުންދާ ވަގުތު ބަދަލްކުރާނެ ރަނގަޅު ކުޅުންތެރިން ބެންޗުގައި ނެތުމަކީ މަހިބަދޫއަށް ދިމާވާ ބޮދު މައްސަލައެއްކަމަށް އޭނާ ބުންޏެވެ."މި ގެއްލުނީ ހަމަ ލިބިފައިއޮތް ތިން ޕޮއިންޓް، މަހިބަދޫއަށް އަބަދުވެސް ދިމާވާ މައްސަލަައަކީ ބެންޗުގައި ރަނގަޅު ކުޅުންތެރިއަކު ނެތުން، މެޗުގެ ނަތީޖާ ބަދަލްވާ ގަޑީގައި ބައެއް ކުޅުންތެރިން ބަދަލްކުރަންޖޭހޭ، އެހެން ނަމަވެސް މަހިބަދޫ ޓީމްގެ ބެންޗުގައި ނެތް ރަނގަޅު ކުޅުންތެރިންނެއް، މިއަދުގެ މެޗުގައިވެސް ދިމާވި މައްސަލައަކީ މީ" ސްޓޮއިކޯފް ބުންޏެވެ.އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއެވެ.