ތިމާވެށި

"ވެށި ސާފު" ޕްރޮގްރާމް ރަސްމީކޮށް ފަށައިފި


ހުޅުމާލެ ސާފުކުރުމަށް ކުރިއަށްގެންދާ "ވެށި ސާފު" ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.

އެކަމަށްޓަކާ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސެއިން ރަޝީދު ޙަސަނެވެ.

"ވެށި ސާފު" ޕްރޮގްރާމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަށް ސާފުކުރުމުގައި އެސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ސީދާ ބައިވެރިވުމާއި އެއްބާރުލުން އިތުރުކޮށް ހުޅުމާލެއަކީ ސާފު ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކާއި އެޗް.ޑީ.ސީ އިން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ. ހުޅުމާލެ ސާފުކޮށް ބޭއްވުމާއި، ޒަމާނުއްސުރެއް ދިވެހިންގެ މެދުގައި އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރު ދިނުމަކީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް މަޤުޞަދުކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސަމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ ސަރުކާރުން ތިމާވެށި ރައްކާތެރި ކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލި އަޅުވާލާ، ތިމާ އުޅޭ ވެށީގެ ސާފުތާހިރުކަމަށް އިސްކަން ދިނުމަށް ބާރު އަޅުއްވާފައެވެ.

ހުޅުމާލޭ ސާފުކުރުމަށް ކުރިއަށްގެންދާ "ވެށި ސާފު" ޕްރޮގްރާމުގައި ބައިވެރިވާން ދެ ބުރަކަށް ބަހާލައިގެން ހުޅުވާލި ފުރުޞަތުގައި 600 އަށް ވުރެއް ގިނަ ފަރާތުން ކުރިމަތިލާފައިވާކަމަށް އެޗް.ޑީ.ސީން ހާމަކުރައްވައެވެ.

އޭގެ ތެރެއިން 64 ފަރާތެއް ވަނީ މި ޕްރޮގްރާމަށް ހޮވިފައެވެ. އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވަނީ ހުޅުމާލެ ސާފުކޮށް ބޭއްވުމުގައި އާއްމު ފަރުދުން ފަރުދީ ޒިންމާ ނެގުމުގެ މުހިއްމުކަން ފާހަގަކުރައްވާ، ދިރިއުޅޭ ގެ އަދި ވަށައިގެންވާ ސަރަހައްދު ސާފުކޮށް ބޭއްވުމުގެ ފަރުދީ ޒިންމާ ނެންގެވުމަށް އިލްތިމާސް ކުރައްވާފައެވެ.

ދެ ބުރަކަށް ބަހާލައިގެން އިޢުލާން ކުރެވުނު މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ބުރުގައި ހުޅުމާލޭގެ ފްލެޓްތައް ހުންނަ 34 ހަތަރު ސަރަހައްދެއް ސާފުކުރުމަށް 34 ފަރާތެއް ވަނީ ހޮވާފައެވެ. އަދި ދެވަނަ ބުރުގައި ހުޅުމާލޭގެ 10 ސަރަހައްދެއްގައި ހެދިފައި ހުރި ޕާކުތަށް ސާފުކުރުމަށް 30 ފަރާތެއް ވަނީ ހޮވާފައެވެ. މިޕްރޮގްރާމަށް މީހުން ހޮވުމުގައި އިސްކަންދީފައިވަނީ ހުޅުމާލޭގައި ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ 18 އަހަރު ވެފައިވާ ދިވެހިންނަށްކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއްވައެވެ. މީގެއިތުރުންވެސް ވަޒީފާއެއްގައި ނޫޅޭ ފަރާތްތަކަށްވެސް އިސްކަންދީފައިވާކަން އެކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.