ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ކުންފުނިތައް ހިމާޔަތްކުރުމަށް ސަރުކާރުން އައު އުސޫލުތަކެއް އެކުލަވާލައިފި


ޗައިނާގެ ކުންފުނިތައް ހިމާޔަތްކުރުމަށް އެ ޤައުމުގެ ސަރުކާރުން އައު އުސޫލުތަކެއް އެކުލަވާލައިފިއެވެ.

އެމެރިކާގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ގެއްލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ޗައިނާއިން މިދިޔަ ހަފްތާގައި ވަނީ ދީފައެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން ޝާއިޢުކުރި އައު އުސޫލުގައިވާ ގޮތުން އެމެރިކާގެ ސަބަބުން ޗައިނާގެ ކުންފުންޏަކަށް ގެއްލުމެއް ނުވަތަ ޗައިނާގެ ޤައުމިއްޔަތަށާއި އިސްތިޤްލާލަށް ގެއްލުންވާކަމަށް ދެކޭނަމަ ޝަކުވާ ހުށަހެޅޭނެ މަގެއް ވަނީ ޤާއިމުކޮށްފައެވެ.

މިގޮތުން އެމެރިކާގެ ސަބަބުން ޗައިނާގެ ކުންފުންޏަކަށް ގެއްލުމެއްވާނަމަ މިފަދަ ފިޔަވަޅެއް އަޅާތާ 30 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހެޅުމަށް ވަނީ އަންގާފައެވެ. ޝަކުވާ ހުށަހެޅުމުން ޗައިނާގެ ކޮމާސް މިނިސްޓްރީން އެމައްސަލައިގެ ސީރިއަސްކަމަށް ބަލާ މައްސަލަ ތަޙްޤީޤުކުރާނެކަމަށް އެ މިނިސްޓްރީއިން ހާމަކުރެއެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފު ފިޔަވަޅުތަކެއްތޯ ބަލާ މިކަމުގެ ސަބަބުން ޤައުމުގެ އިސްތިޤްލާލަށް ބުރޫއަރާ މިންވަރާ ރައްޔިތުންނަށް ކުރާ އަސަރު ދެނެގަންނާނެކަމަށް ވަނީ ބުނެފައެވެ. މިގޮތަށް ގެއްލުންވާކަމަށް އެ މިނިސްޓްރީއަށް ފާހަގަކުރެވޭނަމަ ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު އެމެރިކާއަށް ފިޔަވަޅު އެޅުމަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަދި މިގޮތަށް މިކަން މަސައްކަތް ނުކޮށްފިނަމަ ޗައިނާއިންވެސް އެމެރިކާގެ ކުންފުނިތަކަށް ބަދަލުހިފުމުގެ ފިޔަވަޅު އަޅާފާނެފަދަ މޭރުމަކުން ވަނީ އައު އުސޫލުގައި "ކައުންޓަރ މޭޝާ"އަޅާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޗައިނާގެ ކުންފުނިތައް ހިމާޔަތްކުރުމަށް އެ ޤައުމުގެ ސަރުކާރުން އައު އުސޫލުތަކެއް އެކުލަވާލާފައި މިވަނީ، އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްވާކަމަށް ބުނެ ޗައިނާގެ ޓެލެކޮމް ކުންފުނިތައް އެމެރިކާގައި ވިޔަފާރިކުރުން މަނާކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައިވުމުންނެވެ. މީގެ އިތުރުން، ޗައިނާގެ ތެޔޮ ކުންފުނިތައް އެމެރިކާގައި ވިޔަފާރިކުރުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާއިން ޗައިނާގެ ކުންފުނިތަކާއި ދެކޮޅަށް އެޅި ފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެމެރިކާގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ގެއްލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު އެ މިނިސްޓްރީން ވަނީ ދީފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާއި އެމެރިކާގެ ވާދަވެރިކަން ބޮޑުވެ ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އެމެރިކާއިން ޗައިނާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންނަށް އެމެރިކާއަށް ދަތުރުކުރުމަށް ދަތިކުރުމާއި، ޗައިނާގެ ކުންފުނިތަކަށް ވިޔަފާރިކުރުމަށް ވަނީ ދަތިތައް ކުރިމަތިކުރުވާފައެވެ. މީގެ އިތުރުން ޗައިނާގެ ވާވޭ ކުންފުނީގެ ވިޔަފާރި އެމެރިކާގައި މުޅިން ހުއްޓާލުމަށް ރައީސް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާގެ ވާވޭ ކުންފުންޏާއެކު އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގަން ބޭނުންނުވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާ އެއް ކުންފުންޏަކީ ވާވޭއެވެ. އެގޮތުން އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.