ދުނިޔޭގެ ވިޔަފާރި

ބްރެކްސިޓް ޑީލް އެކުލަވާލާފައިވާގޮތުން ވިޔަފާރިކުރުމަށް ބޮޑެތި އުނދަގޫތަކެއް


ބްރެކްސިޓް ޑީލް އެކުލަވާލާފައިވާގޮތުން ވިޔަފާރިކުރުމަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާކަމަށް ވިލާތުގެ ވިޔަފާރިވެރިން ބުނެފިއެވެ.

އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެ، ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ވިލާތުގެ އިއްތިހާދުން ވަނީ ވަކިވެފައެވެ.

ބްރެކްސިޓަށްފަހު ވިޔަފާރިއަށް އައި ބަދަލުތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން، އިނގިރޭސި ވިޔަފާރިވެރިން ވަނީ ބްރެކްސިޓް ޑީލް އެކުލަވާލިޔަސް، ވަކި ޤައުމެއްގެ ގޮތުގައި ވިޔަފަރިކުރުމަށް އެކުލަވާލަންޖެހޭ ކަރުދާސްތައް ތައްޔާރުކުރުމުގައި އެ ކުންފުނިތަކަށް ބޮޑެތި އުނދަގޫތައް ހުރިކަމަށް ބުނެފައެވެ. މިގޮތުން އިނގިރޭސިވިލާތުގެ މި ފިޔަވަޅާއެކު ދެ ފަރާތުގެ ގުޅުން ހީނަރުވެފައިވާއިރު، މިކަމުގައި އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ ކުންފުނިތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިވެދީފައިނުވާކަމަށް މި ކުންފުނިތަކުން ދަނީ ބުނަމުންނެވެ. މި ސަބަބަށްޓަކައި އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެފައި އޮތަސް އިނގިރޭސިވިލާތުގެ ކުންފުނިތަކަށް އެކި ޤައުމުތަކުން ކަސްޓަމްސް ޑިއުޓީއާއި މިނޫންވެސް އިތުރު ޓެރިފްތައް ކުރިމަތިކުރާކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށްފަހު އިނގިރޭސި ވެރިކަމުގެ ދަށުގައި އޮންނަ އުތުރު އަޔަލެންޑާއި އީޔޫގެ މެންބަރު ޤައުމެއްކަމަށްވާ ރިޕަބްލިކް އޮފް އަޔަލެންޑާ ދެމެދު އޮންނަ ބޯޑަރުގައި ކަސްޓަމްސްގެ ކަންކަން ހިނގަމުންދާން ޖެހޭނެ ގޮތާއިމެދު އޮތް ޚިޔާލުތަފާތުވުންވެސް ހައްލުވެފައިނެތުމުން މި ބޯޑަރު ބޭނުންކުރުމުގައިވެސް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފައެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވެ، ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ވިލާތުގެ އިއްތިހާދުން ވަނީ ވަކިވެފައެވެ. މި އެއްބަސްވުމުގެ ސަބަބުން އަހަރެއްގެ މައްޗަށް 660 ޕައުންޑްގެ ޚަރަދު ކުޑަކުރެވޭނެކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ. ވިލާތުގެ އިއްތިހާދުގެ ޗީފް އަރްސަލާ ވަންޑަލޭން ވަނީ އަލަށް އެކުލަވާލި އެއްބަސްވުން ޤާއިމުކޮށް އެ ޤައުމުން އިޤްތިޞާދީ ބޮޑު ބާރެއްގެ ގޮތުގައި ފާޅުވިޔަސް އިނގިރޭސިވިލާތަށް އީޔޫގެ އެހެން ޤައުމުތަކާއި އީޔޫގެ ސިންގަލް މާކެޓްގައި ހިމެނޭ އެހެން ޤައުމުތަކަށް ނުލިބޭ ބާރެއް ލިބުމުގެ ފުރުސަތު ނުދޭނެކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ ސިންގަލް މާކެޓުގައި ވިޔަފާރިކުރާއިރު އިތުރު ޓެރިފްއެއް ނުނަގާގޮތަށް އެއްބަސްވުމެއް އެކުލަވާލެވުނަސް ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއްބަސް ނުވެވިވާ ގިނަ ކަންތައްތަކެއް އަދިވެސް އެބައޮތެވެ. އެގޮތުން މިހާތަނަށް ކުރި މަސައްކަތުން އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު މަސްވެރިކަން ކުރުމުގައި ގެންގުޅޭނެ އުސޫލަށް އެއްބަސްވެވިފައެއްނުވެއެވެ.