ވިޔަފާރި

ކޯވިޑް-19 : ވިޔަފާރިތަކާއި ފަރުދުންނަށް އެހީވުމަށް ސަރުކާރުން 1.4 ބިލިއަން ރުފިޔާ


ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކާއި ފަރުދުންނަށް އެހީތެރިވުމަށް ސަރުކާރުން މިދިޔަ އަހަރު 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކާއި ފަރުދުންނަށް އެހީތެރިވުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރު އެކި ސްކީމްތައް ހިންގާފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކާއި ފަރުދުންނަށް އެހީތެރިވުމަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރޭގައި ކޯވިޑް ރިކަވަރީ ލޯނު ސްކީމާއި، އިންކަމް ސަޕޯޓް އެލަވަންސް އަދި ކަރަންޓާއި ފެން ބިލްތަކަށް ދެއްވި ލުއިތައް ހިމެެނެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަށް ބަލާލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 17147 ފަރާތަކަށް ޖުމްލަ 221.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ.

ކަރަންޓާއި ފެން ބިލުތަކަށް ދިން ލުއިތަކުގެ ތެރޭގައި، 46392 ގޭބީސީއަކަށް ޖުމްލަ 10.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ފެން ބިލުތަކުން ދީފައެވެ. ކަރަންޓް ބިލުތަކަށް ދިން ލުއިތަކުގެ ތެރޭގައި، 98722 ގޭބީސީއަކަށް ޖުމްލަ 48.2 މިލިއަން ރުފިޔާގެ ޑިސްކައުންޓް ވަނީ ދީފައެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަށް ބަލާލާއިރު، ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރީގެ ގޮތުގައި ބަލާ 411 ފަރާތަކަށް 578.5 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ. އަދި އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ބަލާ 2053 ފަރާތަކަށް 346 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.

ބީއެމްއެލްއާއި، އެސް.ޑީ.އެފް.ސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ލޯނުތައް ދޫކުރަނީ %6 އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރު ދުވަހުގެ މުއްދަތެއް ދޭއިރު، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.