ކުޅިވަރު

ބަޔާން މިޔުނިކާއި ވާދަކޮށް ފަހަތުން އަރާ ބޮރޫޝިއާ މޮންޗެންގްލަޑްބެކް ކާމިޔާބުކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި އެންމެފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ބޮރޫޝިއާ މޮންޗެންގްލަޑްބެކް ބައްދަކުރިމެޗް ފަހަރުން އަރާ ގްލަޑްބެކް ކާމިޔާބުކޮށްފިއެވެ. ގްލަޑްބެކްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު 2 ލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 20 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބަޔާންގެ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި އޭގެ 6 މިނެޓްފަހުން ބަޔޭންގެ ލީޑު ފުޅާކޮށްދިނީ ލެއޮން ގޮރެޓްޒްކާ ޖަހާދިން ލަނޑުންނެވެ. މިލަނޑާއެކު ބުންޑަސްލީގާގެ ތާވަލްގެ އެއްވަނައިގާ އޮތް ބަޔޭން މިމެޗް ފަސޭހަ ކަމާއެކު ކާމިޔާބުކުރާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދިޔައީ ގްލަޑްބެކްއިން އެޓީމްގެ ކުޅުން ރަގަޅުކޮށް ބަޔޭން ހާސްކަމުގެ ތެރެއަށް ވައްޓާލި ތަނެވެ. މިގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީމްވަނީ 2 ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިދެލަނޑު މެޗްގެ 35 ވަނަ މިނެޓާއި 45 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޖޯނަސް ހޮފްމަންއެވެ. އަދި މިމެޗުން ގްލަޑްބެކް މޮޅުވި ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ޖަހާދިނީ ފްލޮރިއަން ނެއުހައުސްއެވެ.

މިއީ ބަޔާންގެ ކޯޗް ކަމާއި ހެންސީ ފްލިކް ހަވާލުވިފަހުން އެޓީމް ބަލިވި ހަތަރު ވަނަ މެޗެވެ. އަދި މިހަތަރު ފަހަރުގެ ތެރެއިން ދެފަހަރު ބަލިވެފައިމިވަނީ ގްލަޑްބެކްއަތުންނެވެ. މިނާކާމިޔާބީއާއެކު ބަޔާންއަށް ޕޮއިންޓް ތާވަލްގެ އެއްވަނަ ގެންލުމުގެ ފުރުސަތު މިހަފްތާ ނިމޭއިރު އެބައޮތެވެ. އެއީ ތާވަލްގެ ދެވަނައިގާ އޮތް އާރް.ބީ. ލިޕްޒިގް ހަތަރުވަނައިގާ އޮތް ބޮރޫޝިއާ ޑޯޓްމުންޑް އާ މިރޭ ބައްދަލުކުރާ މެޗުން ލިޕްޒިގް މޮޅުވެއްޖެނަމަ އެޓީމަށް ޕޮއިންޓް ތާވަލްގެ އެއްވަނައަށް އެއްޕޮއިންޓްގެ ލީޑަކާއެކު އެރޭނެއެވެ. ރޭގެ މެޗުން މޮޅުވުމުން ގްލަޑްބެކް މިހާރު އޮތީ 15 މެޗުން ލިބިފައިވާ 24 ޕޮއިންޓާއި އެކު ތާވަލްގެ 7 ވަނައިގައެވެ.