ރިޕޯޓް

2020: މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު އަހަރެއް


މަސްތުވާތަކެތީގެ ވަބާއަކީ މުޅި މުޖުތަމައުގެ ކަންބޮޑުވުން އެކަމަކާގުޅިފައިވާ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން ޢާއިލީ ގުޅުންތައް ހީނަރުވެ، އެތައް ޢާއިލާއަކަށް ނިކަމެތިކަމާއި ބިކަކަން ކުރިމަތިވެފައިވެއެވެ.

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާން ޖީލު ސަލާމަތްކޮށް، މިވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން ފަހިކޮށްދީ، އެމީހުން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ނެޝެނަލް ޑްރަގް އެޖެންސީ، (އެންޑީއޭ) އިސްވެ، ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކާއެކު އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުރިމަތިވި ދަތިތަކާއެކުވެސް، ނިމިދިޔަ 2020ވަނަ އަހަރަކީ މި ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއްކޮށް، ކުރިއެރުންތަކެއްވެސް ހޯދި އަހަރެއްކަމަށް އެންޑީއޭއިން ދެކެއެވެ.

އެގޮތުން ހދ.ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގައި ޑީޓޮކްސިފިކޭޝަންގެ ޚިދުމަތް 2020ވަނަ އަހަރު ވަނީ ދޭން ފަށާފައެވެ. އަދި އެންޑީއޭގައި ޤާއިމުކޮށްފައިވާ ގަގަން ކްލިނިކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގެ ޚިދުމަތްތައް ދޭން ފަށާފައިވަނީވެސް މިދިޔަ އަހަރެވެ.

ހަމައެހެންމެ އައްޑޫ ސިޓީ ހުޅުމީދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައި ހުޅުމާލޭގައި ހުރި ހާފްވޭހައުސްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި އެތަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެތަން މަރާމާތުކުރުމުގެ މަސައްކަތްވެސް މިދިޔަ އަހަރުން ފެށިގެންދަނީ ކުރަމުންނެވެ. އަދި ގއ.ވިލިނގިލީގައި އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަނަށް އަމާޒުކޮށްގެން "ދަގެނާ"ގެ ނަމުގައި ޚާއްސަ ސެންޓަރެއް ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީވެސް 2020ވަނަ އަހަރު ނިމެން އުޅެނިކޮށެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ޚާއްސަކޮށް މާލޭ ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން މަގުމަތީގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އިތުރުވުމާއެކު އެކަމަށް އަވަސް ޙައްލެއް ގެނައުމަށްޓަކާވެސް އެން.ޑީ.އޭއިން 2020ވަނަ އަހަރު ވަނީ ޚާއްސަ މަސައްކަތްތަކެއްކޮށްފައެވެ.

އެގޮތުން ގަލޮޅު ރަސްމީ ދަނޑުގައި ވަގުތީ ޑިޓޮކްސިފިކޭޝަން ފެސިލިޓީއެއް ޤާއިމުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން އެތަނުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ފަރުކޮޅުފުށީގައިވެސް އެފަދަ ފެސިލިޓީއެއް ޤާއިމުކޮށް، އެފަރާތްތަކަށް ބޭނުންވާ ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ރިހެބް ސެންޓަރުތަކަށް ގެންދިއުމުގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑަށް އެތެރެވާ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށް، އެފަރާތްތަކަށް ބޭނުންވާ ޕްރައިމެރީ ހެލްތް ކެއަރގެ ޙިދުމަތްތަކަށް ޚާއްސަކޮށްގެން ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ގުޅީފަޅުގައި ޤާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ވަނީ ފަށާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، ނެޝެނަލް ޑްރަގް ކައުންސިލުގައި ހިމެނޭ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް، މިކަމާގުޅިގެން ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކާ މި ފެށުނު 2021 ވަނަ އަހަރު ޚާއްސަ މަސައްކަތްތަކެއް އެ މިނިސްޓްރީން ކުރައްވާނެކަމަށެވެ. އަދި އެކަމަށްޓަކާ "ޓުވެލް ޕޮއިންޓް އެކްޝަން ޕްލޭން"ގެ ނަމުގައި ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގެ މަޤްޞަދަކަށް މިވަނީ މަސްތުވާތަކެއްޗަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރުން. އަދި ހުރިހާ ތަންފީޒީ އިދާރާތަކުގެ ގުޅުން ވަރުގަދަކޮށް، މިނިވަންކަމާއެކު ވަރަށް ޕްރޮފެޝަނަލް އުޞޫލުތަކަކާއެކު މަސައްކަތްކުރުން. ފައިސާގެގޮތުން ދިމާވި ދަތިކަންވެސް މިއަހަރުގެ ބަޖެޓްގެ ތެރެއިން ވަނީ ފިލުވައިދެއްވާފައި. އެހެންވީމަ އަޅުގަނޑު ދެކެނީ ކަނޑައެޅިފައި މިހުރި ސިޔާސާތުތައް މިއަހަރު ތަންފީޒުކުރަން ވަރަށް ބޮޑު ފުރުޞަތެއް ލިބިގެންދާނެކަމަށް" ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ރަޝީދު ވިދާޅުވީ، ނެޝެނަލް ޑްރަގް އެޖެންސީއަށް ޤާނޫނުން މަތިކޮށްފައިވާކަންކަން ފުރިހަމަކޮށް ފަރުވާގެ ނިޒާމު މުޅި ރާއްޖޭގައި ހަރުދަނާކުރުމަށް ފާއިތުވި 2 އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ނަމަވެސް މުޅި މި މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބެންއޮތީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން، ހުރިހާ މުއައްސަސާތަކަކާ މުޖުތަމަޢު ގުޅިގެން ކުރެވޭ މަސައްކަތުންކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ޚިދުމަތްދޭން. ވީހާ ގާތުން. ވީހާ ފުރިހަމަކޮށް. އެހެން ބަލާއިރު މިކަމަކީ ހަމައެކަނި ސަރުކާރަށްވެސް އަދި އެން.ޑީ.އޭއަށްވެސް ކުރެވޭނެކަމެއްނޫން. އެހެންވީމަ ވަށާޖެހޭގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާ މުޅި މުޖުތަމަޢު އެކުގައި މަސައްކަތްކޮށްގެން ހައްލެއް ލިބެންއޮތީ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ޑްރަގް ޑީޓޮކްސިފިކޭޝަން، ކައުންސިލިންގ، ސައިކޯ-ސޯޝަލް ސަޕޯޓު، ޓްރޭނިންގ އަދި އާފްޓަރކެއަރގެ ޙިދުމަތްތައް ފޯރުކޮށްދިނުމަށް މާލޭ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ފެސިލިޓީތައް މިވަގުތުވެސް ފުރިފައިވާއިރު، އެކަށީގެންވާ އިންސާނީ ވަޞީލަތްތައް ނެތުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްގެގޮތުގައި އެން.ޑީ.އޭގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ފިޒްނީ ވަނީ ފާހަގަކުރައްވާފައެވެ.

"އެން.ޑީ.އޭގައި ހިއުމަން ރިސޯސަސް ނެތުމަކީ ހަމަ ވަރަށް ބޮޑު ދައްޗެއް. އަޅުގަނޑުމެންގެ ޚިދުމަތް ބޭނުންވާ މީހުންނަށް އެ ޚިދުމަތްދޭންތިބި މީހުންގެ ޢަދަދަކީ ހަމަ މަދު އަދެދެކޭ ބުނެވިދާނެ. އެހެންކަމުން އަޅުގަނޑުމެންވެސް މިދަނީ އެކަމުން އަރައިގަތުމަށްޓަކާ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ މަސައްކަތް ކުރަމުން" ފިޒްނީ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދީ، އެފަރާތްތައް އަލުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ، މިކަމުގައި މުޖުތަމަޢުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާއެކުގައިކަމަށް އެން.ޑީ.އޭއިން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް، އެފަދަ ފަރާތްތަކުގެ އާއިލާއިން އެ ފަރާތްތައް ބަލައިގަނެ، އިތުބާރުކޮށް، ދިރިއުޅުމުގައިގެން ކުރިއަށްދިއުމަށް ހިތްވަރުދިނުމަކީ މުހިއްމުކަމެއްކަން އެ އެޖެންސީން ފާހަގަކުރައްވައެވެ.