ސްކޫލް ބަންދާއި ދިމާކޮށް ބައިކް މޯލްޑިވްސް އިން ކުރިޔަށް ގެންދިޔަ ޖޫނިއަރ ސައިކަލިން ކޭމްޕު ނިންމާލައިފިއެވެ.
7 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މި ކޭމްޕުގައި 35 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. މީގެތެރެއިން 33 ކުއްޖަކަށް ވަނީ މި ކޭމްޕު ފުރިހަމަށްފައެވެ. ހާޒިރީ 80 އިންސައްތަ ހަމަކުރި ކުދިންނަށް ވަނީ ސެޓްފިކަޓާއި ޑިސްޓެންސް ބެޖް ހަވާލުކޮށްފައެވެ.
ކޭމްޕް ފުރިހަމަ ކުރި ކުދިންނަށް ސެޓްފިކެޓާއި ބެޖް ހަވާލުކޮށްދެއްވީ އަނިސާ އަހްމަދުއެވެ.
މި ކޭމްޕްގައި ޓްރެއިނަރުންގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ ސައިކަލް ފެޑެރޭޝަން އޮފް އިންޑިއާއިން އިންތިޒާމުކޮށްގެން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ބައިސްކަލް ކޯޗިން ކޯހުގައި ބައިވެރިވެ އެ ކޯސް ފުރިހަމަކުރި ބައިކް މޯލްޑިވްސްގެ ކޯޗުންނެވެ.
އިންޑިއާގެ ފެޑަރޭޝަނުން ިއންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ އޮންލައިން ކޯހުގައި ބައިކް މޯލްޑިވްސްގެ ފަރާތުން 13 ކޯޗަކު ވަނީ ބައިވެރިވެފައެވެ. އޭޝިއާގެ ގިނަ ސައިކަލް ފެޑަރޭޝަންތަކުން ބައިވެރި މި ކޯހުގައި 198 ބައިވެރިންވަނީ ތަމްރީނުތައް ފުރިހަމަކޮށްފައެވެ.
ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެރެޓަރީ އަސްމާ ހަސަން ވިދާޅުވީ ޖޫނިއަރ ސައިކަލިން ކޭމްޕުން ބައިސްކަލަށް އަހްލުވެރިން ޒުވާން ޖީލެއް އުފެދިގެންދާނެކަމަށެވެ. އަދި މި ކޭމްޕްގެ އިތުރު ބުރުތަކެއް ސްކޫލްތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އަސްމާ ވިދާޅުވިއެވެ.
ބައިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭނުމަކީ ބައިސްކަލް ދުއްވަން ނޭގޭ ކުދިންނަށް ބައިސްކަލް ދުއްވަން ދަސްކޮށްދިނުމާއި ބައިސްކަލަ ދުއްވަން ޝައުގުވެރިވާ ކުދިންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުންކަމަށްވެސް އަސްމާ ހަސަން ވިދާޅުވިއެވެ. އަދި ބައިސްކަލް ދުއްވުމަކީ ވާދަވެރި ކުޅިވަރަކަށް ހެދުމަކީވެސް އެސޯސިއޭޝަންގެ އަމާޒެއްކަމަށް ސެކެރެޓަރީ ޖެނެރަލް އަސްމާ ހަސަން ވިދާޅުވިއެވެ.