ރިޕޯޓް

ކޯވިޑް-19 : ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސްކޫލް ކުދިން އަހުލުވެރިކުރުވުން މުހިންމު

ފާއިތުވި އަހަރުން ފެށިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ޢާއްމު ދިރިއުޅުމުގެ ގިނަ ކަންތައްތަކަކަށް ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައިވެއެވެ. ގިނަގިނައިން އަތް ދޮވުމާއި ގެއިން ބޭރުގައި އުޅޭނަމަ އަބަދު މާސްކު އަޅައިގެން އުޅުންފަދަ ކަންކަމަކީ މިހާރު ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. މިއީ މިހާރު ގިނަބަޔަކަށް މާބޮޑު އުނދަގުލެެއް ނެތް އާދަތަކެކެވެ.

އަންނަ އާދިއްތަ ދުވަހަކީ ޚާއްސަ ދުވަހެކެވެ. ކޯވިޑް-19ގެ ޙާލަޖތާ ގުޅިގެން ރާއްޖޭގެ ސަކޫލްތައް ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ފަހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ހުރިހައި ސްކޫލެއް ހުޅުވާ ދުވަހެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުން ކިޔެވުމަށް ސްކޫލްތަކަށް ނުކުންނައިރު ސަމާލުކަން ދިނުމަށް ދަރިވަރުން އިރުޝާދު ދޭންޖެހޭ ކަންކަން މިވަނީ ކުރިއާ އަޅައިބާލާއިރު ވަރަށްބޮޑަށް އިތުރުވެފައެވެ. ކޯވިޑް-19އާ ގުޅިގެން އުފެދިފައިވާ އާ އާދަތަކަށް އެކުދިން ތިބީ އެންމެ ފުރިހަމައަށް އަހުލުވެރިވެފައިތޯ މިއީ ބެލެނިވެރިން ވިސްނާލަން ރަނގަޅު ސުވާލެކެވެ؟

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޅާފައި އޮތް ފިޔަވަޅުތަކާއެކު ސްކޫލްކުދިން، ޖުމުލަގޮތެއްގައި ކުޑަކުދިން ގެއިން ބޭރަށް ނިކުތުން މިހާތަނަށް އޮތީ ވަރަށްބޮޑަށް މަދުވެފައެވެ. އެކުދިންނަކީ އެތައް މަހެއްވަންދެން ޢާއްމުކޮށް ގެއިން ބޭރަށް ނުނުކުމެ ތިބި ބަޔަކަށް ވުމުން މާސްކް އެޅުން ފަދަ އެޗްޕީއޭގެ އުޞޫލުތަކަށް ޢަމަލުކުރުން އެހައި ފަރިތަ ކަމަށް ނުވެދާނެއެވެ. މާސްކް އަޅައިގެން ގިނަވަގުތު އުޅުމުގެ މުހިންމުކަމުގެ މަޢުލޫމާތު އެނގުނަސް އެގޮތަށް ޢަމަލުކުރުމަކީ އައު ތަޖުރިބާއަކަށް ވާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުން ސްކޫލުތަކަށް ދަރިވަރުންދާނީ 5 ގަޑިއިރުގެ ސެޝަން ތަކަށެވެ. ސްކޫލްތަކުގައި އުޅޭ ތުއްތު ކުދިންނަށް ބަލާއިރު 5 ގަޑިއިރު ވަންދެން މާސްކް އަޅައިގެން އުޅުން އެކުދިންނަށް ފަސޭހައެއް ނުވާނެއެވެ. ވުމާއެކު ބެލެނިވެރިން އެކުދިން ގޭތެރޭގައިވެސް މާސްކް އަޅުވާ މިކަންކަމަށް ފަރިތަކުރުމަކީ މުހިންމުކަމެކެވެ.

މާސްކް އަޅައިގެން ގިނަވަގުތު އުޅެން އެކުދިން ފަރިތަކުރުވާއިރު ރައްކާތެރި ގޮތުގައި މާސްކް އަޅާނެ ގޮތާއި، މާސްކު ނަގާނެގޮތުގެ ރަނގަޅު މަޢުލޫމާތުވެސް އެކުދިންނަށް ބުނެދޭންވާނެއެވެ.

ސްކޫލުތަކުގައި ރައްކާތެރިކަމާއެކު ފިޒިކަލް އެކްޓިވިޓީސް ކުރިޔަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވަކިގަޑިތަކެއް ޚާއްސަކުރައްވާފައެވެ. މިވަގުތުތަކުގައިވެސް އަނގަޔާއި ނޭފަތާއި ލޯފަދަ ތަންތަނުގައި އަތްނުލައި އުޅެން ދަސްކޮށްދިނުމަކީ ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

މީގެ އިތުރުން ގިނަ ބަޔަކު ބޭނުންކުރާ އެއްޗެހީގައި އަތްލުމަށް ފަހު ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރާނެ ގޮތުގެ މަޢުލޫމާތު ކުދިންނަށް ބުނެދޭންޖެހެއެވެ. އަދި ކުރިއަށްވުރެބޮޑަށް އަމިއްލަ ސާފު ތާހިރުކަމަށް ސަމާލުކަން ދީގެން އުޅެން ދަސްކޮށްދިނުމަކީ ބަލިފެތެރުން ހުއްޓުވުމަށް ކުރެވިދާނެކަމެކެވެ.

ތުއްތު ކުދިން ސްކޫލްތަކަށް ފޮނުވާއިރު މިކަންކަމަށް ވިސްނާލަން ޖެހެނީ ބެލެނިވެރިންނަށްވެސް ކޮންމެ ވަގުތެއްގައި ކުދިންގެ ގާތުގައި ނުތިބެވޭނެތީއެވެ. އަދި މި އިރުޝާދުތައް ދިނުމަށް ކޮންމެ ކުއްޖަކަށް ޓީޗަރަކު ނުބެހެއްޓޭނެތީއެވެ. އެހެންކަމުން ބަލީގެ ސީރިއަސް މިންވަރު އެކުދިންގެ ސިނކުޑިތަކަށް ވިސްނޭގޮތަށް ކިޔައިދީ މިކަންކަމަށް އަހުލުވެރިކުރުމަކީ ހަމަ އެކުދިންގެ ރައްކާތެރިކަމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެއެވެ.