ކުޅިވަރު

ފައިނަލާ ރައްޓެހި ކޯޗަކަށް ވުމުގައި ވަކި ޚާއްސަ ސިއްރެއް ނެތް : މޮރީނިޔޯ


އިނގިރޭސި މުބާރާތް ތަކުގެ ފައިނަލާ ރައްޓެހި ކޯޗަކަށް ވުމުގައި ވަކި ޚާއްސަ ސަބަބެއް ނެތްކަމަށް ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިޔޯ ބުނެފިއެވެ.

ބާރަ އަހަރަށްފަހު އިނގިރޭސި މުބާރާތެއްގެ ފައިނަލުން ޓޮޓްނަމްއަށް ޖާގަ ހޯދައިދިން ކޯޗު ބުނީ ފައިނަލާ އޭނާ އެހާ ގާތްވުމުގައި ވަކި ތަފާތު ސިއްރެއް ނެތްކަމަށާއި ކޮންމެ ޓީމެއްގައި ވެސް އޭނާ ނެރެނީ އެޓީމެއްގައި ހުންނަ ކޮލިޓީ ކަމަށް މޮރީނިޔޯ ބުނިއެވެ.

އޭނާ ބުނީ މިފަހަރުވެސް ޓީމުން ކުރިއެރުން ހޯދި ކޮންމެ މެޗެއްގައިވެސް އޭނާ ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަނީ ކޮންމެ ކަމެއްވެސް ހާސިލް ކުރެވޭނެކަމަށެވެ.

މޮރީނިޔޯ ބުނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތަށް އައުމަށްފަހު ލީގުކަޕުގެ މުހިންމުކަން އޭނާއަށް ވިސްނުނު ކަމަށާއި އޭނާ ވަރަށް ސީރިއަސްވާ މުބާރާތަކަށް ލީގުކަޕް ވެއްޖެކަމަށެވެ.

މުބާރާތުގައި އިނގިރޭސި ދަށް ޑިވިޝަން ޓީމުތައް ވާދަކުރި ނަމަވެސް ކޮންމެ މެޗަކަށް ވެސް ނުކުންނަނީ އެޓީމުތަކަށް އިހްތިރާމް ދީގެން ކަމަށެވެ. ލީގުކަޕުގެ ފައިނަލުގައި މިހާތަނަށް އަދި މޮރީނިޔޯގެ ޓީމެއް ބަލިވެފައި ނުވާއިރު މޮރީނިޔޯ އެންމެފަހުން މުބާރާތެއް ކާމިޔާބުކުރީ 2017 ވަނަ އަހަރުއެވެ.